14 Mar 2018, 22:26
އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވަމުންދާ މުޒާހަރާގައި ފުލުހުންނަށް ހަމަލާދޭން ބޭނުންކުރަން އުޅުނު މިރުސް ފެން ޕެކެޓްތަކެއް އަތުލައިގެންފި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ އިދިކޮޅު ފަރާތްތަކުން މިރޭ ކުރަމުންދާ މުޒާހަރާގެ ސަރަހައްދުން 105 މިރުސް ފެން ޕެކެޓް ފެނިފައިވާ ކަމަށެވެ.
ބާރަ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އަދި ހައްޔަރުކޮށްފައިތިބި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް އެދި އެކެއް ފެބްރުއަރީގައި ސުޕްރީމްކޯޓުން ނެރުނު އަމުރާ ގުޅިގެނ،ް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭ ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.
އަންނަ ހުކުރު ދުވަހު ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު މިއަދު ވިދާޅުވީީ ހުކުރު ދުވަހު މާލޭގައި މުޒާހަރާ ބާއްވަން އުޅެނީ ސަރުކާރު ވައްޓާލަން ކަމަށާއި އެ އެއްވުން ބާއްވަން ފުރުސަތު ނުދޭނެ ކަމަށެވެ.
އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުން ގެންދާ އެއްވުމަށް އަތޮޅުތަކުން މީހުން ގެނައުމަށް ރަށްރަށުގައި މަސްވެރިކަމަށާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ އޮޑި ދޯނިފަހަރު ހޯދުމަށް އެ ރަށްރަށުގެ ނުފޫޒު ގަދަ ފަރާތްތަކުން މަޖުބޫރުކޮށްގެން މަސައްކަތް ކުރަމުންދާކަމުގެ ރިޕޯޓް ލިބެމުންދާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
އޮޑި ދޯނިފަހަރު ބޭނުން ކުރުމަށް ހުއްދަދީފައިވާ ބޭނުންތައް ފިޔަވައި އެހެނިހެން ބޭނުންތަކަށް އޮޑި ދޯނިފަހަރު ބޭނުންކުރާ ނަމަ އެ ފަރާތްތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ޝިފާނު ވިދާޅުވި އެވެ.