ނިޔުޔޯކް (އޮގަސްޓް 24) : އައިއެމްއެފްގެ ކުރީގެ ވެރިޔާ ޑޮމިނިކް ސްޓްރާވްސް ކާންގެ މައްޗަށް މިދިޔަ މޭ މަހު އަންހެނަކު ކުރި ޖިންސީ ގޯނާގެ ދަޢްވާ އަކީ ފުލޯކު ދަޢްވާއެއްކަމަށް ބަލައި އެދަޢްވާއާގެން ކުރިޔަށް ނުދިޔުމަށް އެމެރިކާގެ މެންހެޓަންގެ ކޯޓަކުން ނިންމައިފި އެވެ.

އެކޯޓުގެ އިސްގާޒީ ވިދާޅުވިގޮތުގައި ސްޓްރާވްސްގެ ހުންނެވި ނިޔުޔޯކްގެ ހޮޓަލުގެ ޚާދިމާ ސްޓްރާވްސްގެ މައްޗަށް ކުރި ޖިންސީ ގޯނާއާއި ރޭޕްކުރުމުގެ ތުހުމަތު ތަކަކީ އަސާސެއްނެތް ދޮގު ތުހުމަތުތަކެއްކަން ކަށަވަރުވެފައިވާ ކަމަށާ މިކަން ކަށަވަރުވީ އެއަންހެންމީހާ އެކިފަހަރު އެކިގޮތަށް ވާހަކަ ދައްކައި ބަޔާންތައްދެމުން ގެންދިޔުމުގެ ސަބަބުން ކަމުގައެވެ.

ނިޔުޔޯކްގެ ހޮޓަލުގެ ޚާދިމާ ބުނީ ސްޓްރާވްސް އޭނާ ރޭޕްކޮށް ޢިއްފަތްތެރިކަމަށް އަރައިގެންފައިވާ ކަމުގަ އެވެ. މިމައްސަލައާގުޅިގެން އެމެރިކާގެ ފުލުހުން ސްޓްރާވްސް ހައްޔަރުކުރި އެވެ. ނަމަވެސް އެއްމިލިޔަން ޑޮލަރުގެ ކަފާލާތެއް ދެއްކުމުން އެމެރިކާއިން ބޭރަށް ނުފުރޭގޮތަށާއި އިލެކްޓޯނިކްކޮށް ސްޓްރާވްސްގެ ޙަރަކާތްތައް ބަލަހައްޓާގޮތަށް ކޯޓުން އޭނާ މިނިވަން ކުރި އެވެ.

އެންމެ ފަހުން ސްޓްރާވްސް ކާންގެ މައްޗަށް އެއަންހެންމީހާ ކުރި ޖިންސީ ގޯނާގެ ދަޢްވާ އަކީ ފުލޯކެއް ކަމަށް ބަލައި އެދަޢްވާއާގެން ކުރިޔަށް ނުދިޔުމަށް ކޯޓުން ނިންމުމުން މިދިޔަ އާދީއްތަ ދުވަހު އޭނާވަނީ މުޅިން މިނިވަންކޮށްފަ އެވެ. މިތުހުމަތުތަކުން ސްޓްރާވްސް ސަލާމަތްވި ނަމަވެސް އޭނާ ކުރިން ހުންނެވި އައިއެމްއެފްގެ ވެރިޔާގެ މަޤާމްވަނީ ގެއްލިފަ އެވެ.

މީގެއިތުރުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފަރަންސޭސި ރިޔާސީ އިންތިޚާބުގައި ސޯޝަލިސްޓް ޕާޓީގެ ފަރާތުން ވާދަކުރުމަށް އޭނާ އަށް ކުރިން އޮތް ފުރްސަތު ވެސް މިހާރު ގެއްލިފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)