14 Mar 2018, 19:41
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކަށްވެސް ނުކުންނާނީ މޮޅުވާން ކަމަށާއި، މިއަދުގެ މެޗުން ތިން ޕޮއިންޓް ލިބުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް ނިއުރޭޑިއަންޓްސް ސްޕޯޓްސް ކްލަބް އަދި ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.
ނިއުއިން މިސީޒަންގެ އޭއެފްސީ ކަޕްގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ގްރޫޕް އީގެ އެއްވަނައިގައި އޮތްއިރު މިއަދު މާލޭގައި ކުޅުނު މެޗުގައި ނިއުއިން އިންޑިއާގެ އައިޒޯލް އެފްސީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އައިޒޯލުން ގޯލެއް ޖަހައިފައިވަނިކޮށް ނިއުއިން ފަހަތުން އަރާ މޮޅުވީ ދަގަނޑޭގެ ހެޓްރިކާ އެކުގައެވެ.
އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންޑިއާގެ އައިޒޯލް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗަށްފަހު ވާހަކަ ދައްކަމުން ދަގަނޑޭ ބުނީ ކޮންމެ މެޗަކަށްވެސް ނުކުންނާނީ ތިން ޕޮއިންޓަށް ކަމަށެވެ.
"ހަ ޕޮއިންޓާއެކު އޮތަސް، ތިން ޕޮއިންޓާއެކު އޮތަސް، ކޮންމެ މެޗަކުންވެސް ވިސްނާނީ މޮޅުވާން. ކޯޗުގެ ވިސްނުމާ އެއްގޮތަށް މޮޅުވާން ނުކުންނާނީ ބެންގަލޫރު އެފްސީއާ ދެކޮޅަށްވެސް،" ދަގަނޑޭ ބުންޏެވެ.
އިންޑިއާއަކީ އަބަދުވެސް ފުޓުބޯޅައިގައި ރާއްޖޭގެ ވާދަވެރިންނެވެ. އެ ވިސްނުމުން ވިސްނާއިރު އިންޑިއާގެ ޓީމެއް ބަލިކުރެވެމުން ތަފާތު އިހުސާސެއް ކުރެވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ދަގަނޑޭ ބުނީ ވަކި ތަފާތު އިހުސާސެއް އެކަމުން ނުކުރެވޭ ކަމަށާއި، ހިތްހަމަ ޖެހެނީ ތިން ޕޮއިންޓް ނެގުމުން ކަމަށެވެ.
"އިންޑިއާގެ ޓީމެއް ބަލިކުރެވުނަސް ވަކި ތަފާތު އިހުސާސެއް ނާދޭ. ހަމަ ތިން ޕޮއިންޓް ލިބުނީމާ އެ އަންނަ ހިތްހަމަ ޖެހުން ލިބެނީ،" ދަގަނޑޭ ބުންޏެވެ.
ރާއްޖޭގެ ތާރީހު ދުތް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު އެއްބަސްވާ ދަގަނޑޭއަކީ ގޯލް ޖެހުމުގައި ފާހަގަކޮށްލެވޭ ރެކޯޑުތަކެއް އޮންނަ ކުޅުންތެރިއެކެވެ. މިސަރަހައްދުގެ ހުރިހާ ޓީމަކުންވެސް ނިއުގެ އެންމެ ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި އަދިވެސް ފާހަގަކުރާ ދަގަނޑޭ މިސީޒަން ފެށިގެން ދައްކަމުން އަންނަ ކުޅުން ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ވަނީ ވަރަށް ބޮޑަށް ފާހަގަަކޮށްފައެވެ.
އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންޑިއާގެ އައިޒޯލް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަަން ފޮޓޯ/ މުހައްމަދު އަފްރާހް
ދަގަނޑޭވަނީ މީގެކުރިން 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައިވެސް ދެ ހެޓްރިކް ހަދައިފައެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންޑޮނޭޝިއާގެ ޕަރިސިބޯ ބޮޖެނެގުރޯއާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗު ނިއުއިން 7-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު، ދަގަނޑޭ ވަނީ އެ މެޗުގައި ފަސް ގޯލް ޖަހައިފައެވެ. އަދި ހަމަ އެޓީމާ ދެކޮޅަށް މާލޭގައި ކުޅުނު މެޗު ނިއުއިން 6-1 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، އެ މެޗުގައިވެސް ދަގަނޑޭ ވަނީ ހެޓްރިކް ހަދައިފައެވެ.