ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، އެޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ.

އިއްޔެ މާލޭގައި އިންޑިއާގެ ޗެމްޕިއަން އައިޒޯލް އެފްސީއާ ދެކޮޅަށް ނިއުއިން ކުޅުނު މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ނިއުއިން ޖެހި ތިން ގޯލްވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ނިއު، އައިޒޯލްގެ އިތުރުން ދެން ހިމެނެނީ ބަންގްލަދޭޝްގެ ދާކާ އަބަހާނީ އަދި އިންޑިއާގެ ބެންގަލޫރު އެފްސީއެވެ. ދާކާ އަބަހާނީއާ ދެކޮޅަށް ނިއުއިން އެގައުމުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާ އިރު، ބެންގަލޫރު އެފްސީ ކުޅުނު ފުރަތަމަ މެޗުގައި އަބަހާނީ އަތުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އިންޑިއަން ސުޕަ ލީގުގެ ސެމީއަށް ބެންގަލޫރު އެފްސީ ދަތުރުކުރުމާއެކު އޭއެފްސީން ވަނީ ބެންގަލޫރާއި އައިޒޯލް ބައްދަލުކުރާ މެޗު ފަސްކޮށްދީފައެވެ.

އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންޑިއާގެ އައިޒޯލް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން: 3-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ނިއު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދުގެ މެޗަށްފަހު ވާހަކަ ދައްކަމުން ނިއުގެ ކޯޗު، އޮސްކާ ބުރުޒޮން ބުނީ، ބެންގަލޫރު އެފްސީއާ ދެކޮޅަށް އެޓީމު ކުޅޭ ދެ މެޗަކީވެސް ދެ ފައިނަލް ކަމަށެވެ.

"ދެން އޮތީ ދެ ފައިނަލް. އަހަރެމެންނަށް އެނގޭ މި ގްރޫޕްގައި ނިއުއާ ވާދަކުރާނީ ބެންގަލޫރުކަން. ދެން އޮތް ދެ މެޗަށް ތައްޔާރުވާނެ ޓީމު. އަހަރެމެން މިވަގުތު މިއޮތީ ވަރަށް ހަމަޖެހިލާފައި. އެއްވެސް ޗެލެންޖަކަށް ނިއު ޖެހުލުމެއް ނުވޭ. ނިއު ޓީމުގައި މޮޅުވުމުގެ ރޫހު އެބައޮތް. އެހެންވީމާ އެއްވެސް ބިރެއް ނެތް،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ މިއަދުގެ މެޗުގައި މޮޅަށް ކުޅުނީވެސް ނިއު ކަމަށާއި، މެޗުގައި އޭނާގެ ގޭމް ޕްލޭން ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށެވެ.

"ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށް މި ކުޅުނީ. ފުރަތަމަ ހާފު އެޓީމުން ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު ގޭމް ޕްލޭން ފުރިހަމައަށް ކާމިޔާބުވި. ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް ގޭމް ޕްލޭނަށް އަމަލުކުރި. ނިއު ރޭޑިއަންޓް މިއަދު މޮޅަށް ކުޅުނީ،" އޮސްކާ ބުންޏެވެ.

އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންޑިއާގެ އައިޒޯލް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން: 3-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ނިއު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޮސްކާ ބުނެފައިވަނީ ނިއުގެ ފަރާތުން މިއަދު ފެނުނު ތިރި ޕާސްތައް ކުޅެވުނީ ދަނޑުގެ ފެންވަރު ރަނގަޅުވުމުން ކަމަށެވެ.

"މެޗުގެ ކުރިން ނިއުއިން ދަނޑު ތައްޔާރުކުރުމަށް މަސައްކަތްތަކެއް ކުރި. ތިރިން ރީތި ފުޓުބޯޅައެއް ކުޅެވޭނީ ދަނޑު ރަނގަޅުވެގެން. ބެލުންތެރިން ބަލާ ކަހަލަ ފުޓުބޯޅައެއްވެސް ކުޅެވޭނީ ދަނޑު ރަނގަޅުވެގެން. ދަނޑު ރަނގަޅު ކުރުމުން ކުޅުން ރަނގަޅުވިތަން މިއަދު ފެނިގެން ދިޔައީ،" އޮސްކާ ބުންޏެވެ.

ނިއުއިން ދެން އޭއެފްސީ ކަޕްގައި ކުޅޭ މެޗު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގައެވެ. އެ މެޗު ކުޅޭނީ ބެންގަލޫރު އެފްސީއާ ދެކޮޅަށް އިންޑިއާގައެވެ.