އަލީ އަޝްފާގު (ދަގަނޑޭ)ގެ ހެޓްރިކާއެކު އިންޑިއާގެ އައި ލީގު ޗެމްޕިއަން އައިޒޯލް އެފްސީ އަތުން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއުއިން އައިޒޯލް އަތުން މޮޅުވެފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ.

އޭއެފްސީ ކަޕްގައި ނިއުއާއި އައިޒޯލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުގައި ނިއުގެ ކެޕްޓަން ދަގަނޑޭ ވަނީ ހެޓްރިކެއް ފުރިހަމަކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނިއުއިން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، އައިޒޯލުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 33 ވަނަ މިނެޓުގައި އައިޒޯލްއަށް ލީޑު ހޯދައިދިނީ ލާލްމުންމާވިއާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރުމުގެ ކުރިން އަންދުރޭ އިއޮނެސްކޫއާއި އަލްބާޓް ޒޮހްމިންގްމާވިއާގެ ހަމަލާއެއް ފެނިގެންދިޔައެވެ. އަންދުރޭގެ ހަމަލާ ކީޕަރު އިމްރާން ދިފާއުކުރި އިރު، އަލްބާޓްގެ ހަމަލާ ވަނީ ބްލޮކްވެފައެވެ.

އައިޒޯލުން ލީޑު ހޯދިތާ ހަތް މިނެޓުތެރޭ ނިއުއިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އަހްމަދު އަބްދުﷲ (ލިލީ) ދިން ބޯޅައަކުން ނިއުއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ކެޕްޓަން އަދި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ދަގަނޑޭއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭއަށް ބޯޅަ ލިބުމާއެކު އޭނާ ވަނީ ލަސްކުރުމެއް ނެތި އައިޒޯލްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ނިއުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާ އިރު، އައިޒޯލްގެ ފަރާތުން ފެނިގެންދިޔައީ ޑިފެންސިވް ކުޅުމެކެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ދަގަނޑޭއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ، އައިޒޯލްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

އޭއެފްސީ ކަޕްގައި ނިއުއާއި އައިޒޯލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުގައި ނިއުގެ ކެޕްޓަން ދަގަނޑޭ ވަނީ ހެޓްރިކެއް ފުރިހަމަކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ 74 ވަނަ މިނެޓުގައި ދަގަނޑޭ ދިން ބޯޅައެއް ހިފައިގެން ދަނިކޮށް، ނިއުގެ ބިދޭސީ ފޯވަޑް ގުއިލެމް މާޓީއަށް ކުރި ފައުލަކާ ގުޅިގެން އައިޒޯލްގެ ލާލްމުންމާވިއާއަށް ރަތް ކާޑެއް ދެއްކި ހިސާބުންނެވެ. އެ ރަތް ކާޑާ ގުޅިގެން އައިޒޯލުން މެޗު ފުރިހަމަކުރަން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

އައިޒޯލްގެ ލާލްމުންމާވިއާއަށް ރަތް ކާޑު ދެއްކިތާ ދެ މިނެޓުތެރޭ ނިއުއިން ވަނީ ލަނޑުޖަހައި ލީޑު ހޯދައިފައެވެ. ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ދަގަނޑޭއެވެ. ދަގަނޑޭ އެ ލަނޑު ކާމިޔާބުކުރީ އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހުރަހަކުން، އައިޒޯލްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. ދަގަނޑޭ ފޮނުވާލި ބޯޅަ، ގޯލުގެ ތެރެއަށް ވަދެފައިވަނީ އައިޒޯލް ގޯލުގެ ހުރަސްދަނޑީގައި ޖެހިފައެވެ.

މެޗުގައި ދަގަނޑޭ ހެޓްރިކް ފުރިހަމަކުރީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. މުހައްމަދު އުމައިރު ދިން ބޯޅަ، އައިޒޯލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭ ވަނީ ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

އޭއެފްސީ ކަޕްގައި ނިއުއާއި އައިޒޯލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުގައި ނިއުގެ ކެޕްޓަން ދަގަނޑޭ ވަނީ ހެޓްރިކެއް ފުރިހަމަކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭއެފްސީ ކަޕް 'ގްރޫޕް އީ'ގެ ޕޮއިންޓް ތާވަލުގައި މިވަގުތު ނިއު އޮތީ އެއްވަނައިގައެވެ. ކުޅުނު ދެ މެޗު ކާމިޔާބުކޮށް، ނިއުއިން ވަނީ ހަ ޕޮއިންޓް ހޯދައިފައެވެ. އައިޒޯލްއަށް މިމެޗަކީ ފުރަތަމަ މެޗަށް ވާއިރު، އިންޑިއާގެ ބެންގަލޫރު އެފްސީން އަދި މެޗެއް ކުޅެފައެއް ނުވެއެވެ. ގްރޫޕުގައި ދެން ހިމެނޭ ބަނގުލަދޭޝްގެ ދާކާ އަބަހާނީ ކުޅުނު ފުރަތަމަ މެޗުގައި ނިއު އަތުން ވަނީ ބަލިވެފައެވެ. މިއަދު އިންޑިއާގައި ބެންގަލޫރާ ދެކޮޅަށް އަބަހާނީ ނުކުންނާނެއެވެ.

ނިއުއިން ދެން އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިންޑިއާގައެވެ.