ލީބިޔާގައި މިނިވަން ޑިމޮކްރަސީއެއް ޤާއިމްކުރުމަށްޓަކައި އެޤައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ ވަގުތީ ސަރުކާރުގެ ގޮތުގައި މަސައްކަތްކުރަމުންދާ ލީބިޔަން ނޭޝަނަލް ޓްރާންސިޝަނަލް ކައުންސިލް (އެންޓީސީ)އިން ކުރަމުން ގެންދާ މަސައްކަތްތަކަށް ދިވެހި ރާއްޖޭގެ ފުރިހަމަ ތާއީދު ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ، އެންޓީސީގެ ޗެއަމަން މުސްޠަފާ ޢަބްދުލްޖަލީލަށް މިއަދު ފޮނުއްވި ސިޓީފުޅެއްގަ އެވެ. އެ ސިޓީފުޅުގައި، ލީބިޔާގެ ޒަމާންވީ ލީޑަރު ކާނަލް މުޢައްމަރުލް ޤައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންޓީސީ އިން ސާބިތުކަމާ އެކު ކުރަމުން ގެންދާ މަސައްކަތްތަކަށް ތަޢުރީފް ކުރައްވައި، އެޤައުމުގައި ކާމިޔާބު، ޒަމާނީ މުސްލިމް ޑިމޮކްރެސީއެއް ޤާއިމްކުރުމަށް ދިވެހިރާއްޖޭގެ އެއްބާރުލުން ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ލީބިޔާގެ ރައްޔިތުން ތަމްސީލްކުރާނެ ހަމައެކަނި ޤާނޫނީ ފަރާތަކީ، އެންޓީސީކަމަށް ފުރަތަމަ އެއްބަސްވި ތިން ޤައުމުގެ ތެރޭގައި، ދިވެހިރާއްޖެ ހިމެނޭކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތް ތަނުގައި އެޤައުމަކީ މިނިވަން ޑިމޮކްރަސީއެއް އޮތް، އިންސާނީ ޙައްޤުތައް ހިމާޔަތްކުރެވިފައިވާ ޤައުމަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.