ދިމިޝްގު (މާޗް 14): ސީރިއާގެ އިރުމަތީ ޣޫތާގައި ތިބި ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް އެމީހުން ޣޫތާއިން ނެރެމުންދާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެފި އެވެ.

އެއޮބްޒަވޭޓަރީން ބުނި ގޮތުގައި އިދިކޮޅު ޖަމާއަތެއް ކަމަށްވާ ޖައިޝް އަލް އިސްލާމާއި ރަޝިއާއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން އިއްޔެ ގޫތާގެ 150 މީހަކު ވަނީ ދިމިޝްގު ކައިރީ ސަރުކާރުން ހިންގާ ހިޔާތަކަށް ގެންގޮސްފައި އެވެ.

އިރުމަތީ ގޫތާއަކީ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެއް ނަމަވެސް 2013 ވަނަ ވަނަ އަހަރުން ފެށިގެން އެސަރަހައްދު އޮތީ ސަރުކާރުން ހިސާރުކޮށްފައި އެވެ. ނަމަވެސް ފެބްރުއަރީ މަހު ސީރިއާގެ ފައުޖުތަކުން ދޭން ފެށި ވަރުގަދަ ހަމަލާތަކަށް ފަހު، އެފައުޖުތަކުން ވަނީ ގޫތާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައި އެވެ.

ސީރިއަން އޮބްޒަވޭޓަރީން ބުނާ ގޮތުގައި ރަޝިއާގެ އެހީއާ އެކު ސީރިއާއިން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ގޫތާއިން 1،196 މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި 245 ކުޑަކުދިންނާއި 164 އަންހެނުން ހިމެނޭ ކަމަށް އެއޮބްޒަވޭޓަރީން ބުންޏެވެ.

އދ.އިން ބުނާ ގޮތުގައި ގޫތާގައި ފުރާނައަށް ނުރައްކާވާ ވަރަށް ޒަހަމްވެފައިވާ 1،000 މީހުން އަދިވެސް އެބަތިއްބެވެ. (އަލްޖަޒީރާ)