14 Mar 2018, 15:59
ހައިކޯޓުގެ ފަނޑިޔާރު ކަމަށް އެ ކޯޓުގެ ކުރީގެ ރެޖިސްޓްރާ އަދި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން އަލީ އައްޔަނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްއީން ބުނީ ހަސަން އަލީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކުރުމަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމު މީގެ ކުރިން އަދާކުރެއްވި ހަސަން އަލީ މިދިޔަ އަހަރު ވަނީ އެ މަގާމުން ވަކިކޮށް އާސަންދަ ކޮމްޕެނީގެ އެމްޑީގެ މަގާމަށް އައްޔަން ކޮށްފަ އެވެ.
ރަޖިސްޓްރާ ކަމަށް އައްޔަން ކުރުމުގެ ކުރިން ހަސަން އަލީ ވަނީ އިމިގްރޭޝަން ކޮންޓްރޯލަރު ކަމާއި ހައުސިން މިނިސްޓަރުގެ ނައިބުގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހަސަން އައްޔަނުކުރުމަށް ނިންމާފައިވާ އިރު އެ ބެންޗްގައި އިތުރު ދެ މަގާމް އަދި ވެސް އޮތީ ހުސްކޮށެވެ.