14 Mar 2018, 15:05
މިމަހުގެ 16 ވަނަ ދުވަހު މާލޭގައި މުޒާހަރާ ބާއްވަން އުޅެނީ ސަރުކާރު ވައްޓާލަން ކަމަށާއި، އެއްވުން ބާއްވަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މާލޭގައި ހަމަނުޖެހުން އުފައްދައި، ސަރުކާރު ވައްޓާލަން އުޅޭކަމުގެ މައުލޫމާތު އިތުބާރު ހުރި ގޮތަކަށް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
"މި މުޒާހަރާ އަކީ ރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފް ކަންތައްތަކެއް ކުރުމަށް ގޮވާލައި ސަލާމަތީ ބާރުތަކާ ކުރިމަތިލައި އަމަން އަމާންކަން ނަގާލުމުގެ ބޭނުމުގައި ބާއްވަން މަސައްކަތްކުރާ މުޒާހަރާއެއް ކަމަށް މައުލޫމާތު ލިބިފައިވާތީ މިފަދަ އެއްވެސް ކަމަކަށް ސަލާމަތީ ބާރުތަކުން ފުރުސަތު ނުދޭނެ ވާހަކަ އަޅުގަނޑުމެން ދަންނަވަން،" ޝިފާން ވިދާޅުވިއެވެ.
އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުން ގެންދާ އެއްވުމަށް އަތޮޅުތަކުން މީހުން ގެނައުމަށް ރަށްރަށުގައި މަސްވެރިކަމަށާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ އޮޑި ދޯނިފަހަރު ހޯދުމަށް އެ ރަށްރަށުގެ ނުފޫޒުގަދަ ފަރާތްތަކުން މަޖުބޫރުކޮށްގެން މަސައްކަތް ކުރަމުންދާކަމުގެ ރިޕޯޓް ލިބެމުންދާކަން ޝިފާން ފާހަގަކުރެއްވިއެވެ.
އޮޑި ދޯނިފަހަރު ބޭނުން ކުރުމަށް ހުއްދަ ދޫކުރެވިފައިވާ ބޭނުންތައް ފިޔަވައި އެހެނިހެން ބޭނުންތަކަށް އޮޑި ދޯނިފަހަރު ބޭނުންކުރާނަމަ އެ ފަރާތްތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޝިފާން ދެއްވިއެވެ..
ގާނޫނީ ސަރުކާރު ވައްޓާލަން ތާރީހުތައް ކަނޑައަޅައި ސަލާމަތީ ބާރުތަކާ ކުރިމަތިލުމަށް ހިތްވަރު ލިބޭފަދަ ގޮތަކަށް ވާހަކަ ދެއްކެވުމަކީވެސް ކުށެއް ކަމަށް ސިފާން ވިދާޅުވިއެވެ. މީގެ ކުރިންވެސް އެފަދަ އަމަލުތައް ބައެއް ފަރާތްތަކުން ކޮށްފައިވާކަން ފާހަގަކޮށް ޝިފާން ވިދާޅުވީ އެ މައްސަލަތައް މިހާރު ވެސް އަންނަނީ ތަހުގީގު ކުރައްވަމުން ކަމަށެވެ.
"16 މާޗު ވާ ހުކުރު ދުވަހުގައި ވެސް ގާނޫނާ ހިލާފަށް މަގުތަކަށް ނިކުމެ އާންމުންނަށް އުނދަގޫވާ ގޮތަކަށް ސަރުކާރު ހުއްޓުވައި ވާއްޓާލުމުގެ ނިޔަތުގައި ނުވަތަ އެ ވާހަކަ އެގޮތަށް ދައްކައި މި ބާއްވާ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފުލުހުން ނުދެއްވާނެ ކަމަށް ދަންނަވަން. އަދި އެކަން ހުއްޓުވާނެ ވާހަކަ ވެސް ދަންނަވަން،" ޝިފާން ވިދާޅުވިއެވެ.