14 Mar 2018, 15:13
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް، ހދ. އަތޮޅު ބުރުގެ ފައިނަލަށް ހަނިމާދޫ ދަތުރުކޮށްފިއެވެ.
ހދ. އަތޮޅު ބުރުގެ ގްރޫޕް އެކެއްގެ މެޗުތައް ކުރިއަށްދާ ރަށް، ހަނިމާދޫ ފައިނަލަށް ދަތުރުކޮށްފައިވަނީ އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ހދ. އަތޮޅުގެ އަތޮޅު ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ހަނިމާދުއާއި، ފިނޭއާއި، ނޮޅިވަރަމް އަދި ނެއްލައިދުއެވެ.
ގްރޫޕް ދޭއްގައި ހިމެނެނީ ކުޅުދުއްފުށީގެ އިތުރުން ނޮޅިވަރަންފަރު އަދި ކުމުންދުއެވެ. ގްރޫޕު ދޭއްގައި ކުރިނބީ ހިމެނުނު ނަމަވެސް، ފަހުން އެޓީމު ވަނީ މުބާރާތުގައި ބައިވެރިނުވާން ނިންމައި، މުބާރާތުން ނަން ނަގައިފައެވެ.
ގްރޫޕް އެކެއްގެ ދެވަނައިގައި އޮތް ނޮޅިވަރަމްއާ ދެކޮޅަށް އިއްޔެ ހަނިމާދޫން ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ގްރޫޕްގެ އެއްވަނަ ހަނިމާދުއަށް ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ފުރަތަމަ ލީޑު ނެގީ ނޮޅިވަރަމުންނެވެ. އެޓީމަށް ލީޑު ނަގައިދިނީ ޝާފިއު މުހައްމަދެވެ. ލީޑާއެކު ކުޅެމުންދިޔަ ނޮޅިވަރަމުން ފައިނަލަށް ކުރަމުންދިޔަ އުންމީދު ގެއްލުވާލީ މެޗުގެ 73 ވަނަ މިނެޓުގައި ހަނިމާދޫގެ ހަސަން ސަލާމް ކާމިޔާބުކޮށްދިން ގޯލުންނެވެ.
ހދ. އަތޮޅު ބުރުގެ ގްރޫޕް އެކެއްގައި ދެން ބާކީ އޮންނާނީ އެންމެ މެޗެކެވެ. އެއީ ފިނޭއާއި ނެއްލައިދޫ ވާދަކުރާ މެޗެވެ. ފައިނަލްގައި ހަނިމާދުއާ ވާދަކުރާ ޓީމު އެނގޭނީ ކުޅުދުއްފުށީގައި ކުރިއަށްދާ ހދ. އަތޮޅުގެ ގްރޫޕް ދޭއްގެ މެޗުތައް ނިމުމުންނެވެ.