14 Mar 2018, 14:58
ޓޯކިޔޯ (މާޗް 14): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލު ކުރެއްވުމާ ބެހޭ ގޮތުން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިސްނަވަމުންދާ ކަމަށް ޖަޕާނުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ނަން ހާމަ ކުރަން ބޭނުން ނުވާ އޮފިޝަލަކާ ހަވާލާދީ އިންޑިޕެންޑެންޓުގައިވާ ގޮތުން އެެފަދަ ބައްދަލުވުމެއް ބާއްވައިފި ނަމަ ޖަޕާނުން މަޝްވަރާ ކުރާނެ ކަންތައްތަކުގެ ތެރޭގައި އުތުރު ކޮރެއާއިން ވަގަށް ނަގާފައިވާ ޖަޕާނުގެ ރައްޔިތުން ހިމެނެ އެވެ.
ޖަޕާނުން ތުހުމަތު ކުރާ ގޮތުގައި 1970 އާއި 1980ގެ އަހަރުތަކުގެ ތެރޭގައި އުތުރު ކޮރެއާގެ ޖާސޫސުން ވަނީ ޖަޕާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަގަށް ނަގައިފަ އެވެ. އަދި އުތުރު ކޮރެއާ އިން ވަނީ އެގައުމުން ޖަޕާނުގެ 13 މީހަކު ވަގަށް ނެގި ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެގައުމުން މިނިވަންކޮށްފައި ވަނީ ޖަޕާނުގެ ފަސް މީހެކެވެ.
ބޮޑުވަޒީރު އަބޭ ވަނީ އުތުރު ކޮރެއާއިން ވަގަށް ނެގި މީހުންނާ ބެހޭ މައުލޫމާތު ސާފުކޮށްދީ، އެމީހުން ގައުމަށް ގެންނަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.
އަދި ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާގެ ވެރިޔާ ސާ ހޫންއާ ބައްދަލު ކުރައްވައި އަބޭ ވަނީ ޖަޕާނުން އުތުރު ކޮރެއާ އެކު މަޝްވަރާތައް ބާއްވާނީ އެގައުމުން ނިއުކްލިއާ ހަތިޔާރު ނައްތާލަން އުޅޭ ކަން އަމަލީ ގޮތުން ދެއްކުމުންނެވެ. އަދި އެމަޝްވަރާތަކުގައި އުތުރު ކޮރެއާއިން ވަގަށް ނެގި ޖަޕާނުގެ ރައްޔިތުންނާއި ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމާ ބެހޭ ގޮތުން އެއްބަސްވުމަކަށް އަންނަން ޖެހޭނެ ކަމަށް އަބޭ ވިދާޅުވި އެވެ.
ސާ ހޫން އަކީ އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ކުރި ދެކުނު ކޮރެއާގެ ވަފުދުގައި ހިމެނޭ ބޭފުޅެކެވެ. އުތުރު ކޮރެއާއިން ދެކުނު ކޮރެއާގައި ބޭއްވި ވިންޓާ އޮލިމްޕިކްސްގައި ބައިވެރިވި ފަހުން އެ ދެ ގައުމުގެ މެދުގައި އޮތް ގުޅުން ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އަދި އެވަފުދުން ވަނީ ލީޑަރު ކިމްގެ ދައުވަތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވާފައި އެވެ. ރައީސް ޓްރަމްޕް ވަނީ އެދައުވަތު ގި އަންނަ މެއި މަހުގެ ތެރޭގައި ކިމްއާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. (އިންޑިޕެންޑެންޓް)