14 Mar 2018, 14:59
ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށެއް ސާބިތުވާކަމަށް ޝަރުއީ ކޯޓަކުން ކަނޑައަޅާ ހިސާބުން ފަނޑިޔާރުގެ މަގާމު ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު އިއްޔެ މަޖިލީހުން ފާސްކޮށްފައި ވަނީ 38 މެމްބަރުންގެ ވޯޓާ އެކު އެވެ.
އެ އިސްލާހު މިއަދު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އަދި ގެޒެޓުގައި ގާނޫނު ވަނީ ޝާއިއުކޮށްފަ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރެއަށް ޝަރުތެއް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގެ ފަސް ވަނަ ނަމްބަރެއްގެ ގޮތުގައި އިތުރުކޮށްފައި ވަނީ ފަނޑިޔާރު ވާން ޖެހޭނީ "ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ނުދާ މީހެއް" ކަމުގަ އެވެ.
އޭގެ އިތުރުން ޖިނާއީ ތަހުގީގުތަކާ ގުޅިގެން ފަނޑިޔާރުން ސަސްޕެންޑް ކުރާ މާއްދާއަކާއި ޖިނާއީ ކުށެއް ސާބިތުވާ ފަނޑިޔާރުންނާ މެދު އަމަލު ކުރާނެ ގޮތުގެ މާއްދާއެއް ގާނޫނަށް ވަނީ އިތުރުކޮށްފަ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް 24 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރަން ހުށަހަޅާފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ހައްޔަރު ކުރުމުން މުސާރަ ލިބޭ ގޮތަށް ފަނޑިޔާރު ސަސްޕެންޑް ކުރަންވާނެ ކަމަށް ބުނާ މާއްދާއެކެވެ. އަދި ދައުވާ އުފުލޭ ހިސާބުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަންވެސް ވަނީ ގާނޫނަށް ބަދަލު ގެނެސްފަ އެވެ.
ކޯޓުން ޖިނާއީ މައްސަލައެއް ސާބިތުވާކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން ގެއްލޭނެ ކަމަށް ވެސް އިސްލާހުކުރި މާއްދާގައި ބުނެފަ އެވެ.
ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެ މީހަކު ގާބިލު ނޫންކަމަށް ނުވަތަ އެމަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައި މާއްދާއެއް އިތުރުކޮށް ބުނެފައި ވަނީ ގާނޫނު އަސާސީގެ 154 ވަނަ މާއްދާ ޖިނާއީ ކުށެއް ސާބިތުވާ ފަނޑިޔާރުންގެ މައްޗަށް ނުހިނގާނެ ކަމަށެވެ. އެއީ އެ ހާލަތުގައި ފަނޑިޔާރު މަގާމުން ވަކިވުމަކީ ތައުދީބީ ނުވަތަ އުސޫލީ މައްސަލައަކާ ގުޅިގެން ފިޔަވަޅު އެޅުން ކަމަށް ނުވާތީ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.