24 Aug 2011, 16:30
"އެހެން ދުވަހަކުން މައްސަލަ ނިންމާށޭ" ބުނެ ކޯޓުން ނިކުމެގެން ދިޔަ ޕްރޮސެކިއުޓާ ޖެނަރަލް )ޕީޖީ( އޮފީހުގެ ވަކީލަކު އެއް މަސް ދުވަހަށް ސަސްޕެންޓްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:30ގައި ބޭއްވި މައްސަލައެއް އެދުވަހު މެންދުރު ފަހު 13:00ގައި ޝަރީއަތް ނިންމައި ހުކުމް ކުރާނެ ކަމަށް ކޯޓުން އިއުލާންކޮށްފައި ވަނިކޮށް "އެހެން ދުވަހަކުން މައްސަލަ ނިންމާށޭ" ބުނެ ޕީޖީގެ ވަކީލާ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓާ އިޙްސާނާ މުޙައްމަދު ވަހީދު ކޯޓުން ނުކުމެގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާ އަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދީފައި ނުވާ ކަމަށް ކޯޓުން ބުންޏެވެ. އަދި ވަކީލާ ކޯޓަށް ހާޒިރު ނުވުމުން ދައުވާ ލިބޭ ފަރާތާއި ޑީޕީއާރްއެސްގެ އޮފިސަރުން ހަތަރު ގަޑިއިރު ކޯޓްގައި ކޯޓުގައި މަޑުކުރަން ޖެހުނު ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
އެ ސަބަބުތަކަށްޓަކައި ކްރިނަލް ކޯޓްގެ ގާޒީންގެ މަޖިލީހުން އިހްސާނާ އެއް މަސް ދުވަހަށް ސަސްޕެންޓްކޮށްފައިވާ ކަމަށް ކޯޓުން ބުންޏެވެ.
ނަމަވެސް އިހްސާނާ ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ކޯޓުން އޭނާގެ ބޮލުގައި އަޅުވަނީ ދޮގު އިލްޒާމްތަކެއް ކަމަށެވެ. އަދި އެ ދުވަހު ޝަރީއަތް ނިންމާނެ ކަމަށް ބުނެ ތަފާތު އުޒުރުތައް ކޯޓުން ދައްކާފައިވާ ކަމަށެވެ.
އިހްސާނާ ވިދާޅުވީ އެ ދުވަހު ފުރަތަމަ މައްސަލަ އަށް ވެއްދީ، 10:00ގެ މައްސަލަ އަށް 10:40ގައި ކަމަށާއި ނަމަވެސް ދައުވާ ލިބޭ ފަރާތުން ދައުވާ އަށް އިއުތުރާޒު ކުރުމުން ފަހުން މައްސަލަ ނިންމާނެ ކަމަށް ވިދާޅުވި ކަމަށެވެ.
"ފުރަތަމަ ވިދާޅުވީ ޝަރީއަތް ކުރާނެ ރޫމެއް ނެތޭ. ދެން ބުނީ ހުކުމް ގާޒީ ލިޔުއްވަނީއޭ،" އިހްސާނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭނާ އަށް މަޑުކުރެވެން ނެތިގެން އޭނާގެ ބަދަލުގައި އިތުރު ވަކީލަކު ކޯޓަށް ދިއުމުން ވެސް ގާޒީ ބޭނުންފުޅުވީ އިހްސާނާ ކޯޓް ރޫމަށް ވެއްދުމަށް ކަމަށެވެ. އަދި އެހެން ބުނުމުން އެދުވަހު 3:40 ގައި ކޯޓަށް އޭނާ ދިއުމުން މައްސަލަ ކެންސަލްވެފައިވާ ކަމަށް ކޯޓުން އެންގި ކަމަށް އިހްސާނާ ވިދާޅުވި އެވެ.