14:30


ދެކުނު ކޮރެޔާއާ އެކު ގާއިމުކޮށްފައިވާ މުވާސަލާތީ އަދި ދަތުރުފަތުރުގެ ހުރިހާ ގުޅުމެއް ކަނޑާލުމަށް އުތުރު ކޮރެޔާ އިން ނިންމައިފި އެވެ.


އުތުރު ކޮރެޔާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދެކުނު ކޮރެޔާގެ މަނަވަރަކަށް ޓޯޕިޑޯ މިސައިލަކުން ހަމަލާދީ ފައްތާލީ އުތުރު ކޮރެޔާއިން ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ދެގައުމުގެ ދެމެދުގައި މުއާސަލާތު ކުރުމަށް ގާއިމުކޮށްފައިވާ ހުރިހާ ވަސީލަތްތަކެއް ކަނޑާލައި، އުތުރު ކޮރެޔާގެ ސަރަހައްދަށް ދެކުނު ކޮރެޔާގެ ކަނޑު ބޯޓުތަކާއި މަތިންދާ ބޯޓުތައް ވަނުން މަނާކޮށްފައިވާ ކަމަށެވެ. އަދި ދެކުނު ކޮރެޔާއިން ކޮށްފައިވާ ތުހުމަތުތަކަކީ ހަނގުރާމަ އިއުލާން ކުރުން ކަމުގައި ދެކޭ ކަމަށާއި ދެކޮރެޔާގެ ދެމެދުގައި އޮތް ގުޅުން މިކަނޑާލީ މިތުހުމަތުތަކާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް ވެސް އެބަޔާނުގައިވެ އެވެ.


މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހު ފައްތާލި ދެކުނު ކޮރެޔާގެ މަނަވަރު ފައްތާލާފައިވަނީ އުތުރު ކޮރެޔާގެ ހަމަލައަކުން ނޫންކަމަށް އެގައުމުން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް ދެކުނު ކޮރެޔާއިން ބުނެފައިވަނީ މިއީ އުތުރު ކޮރެޔާގެ ހަމަލައެއް ކަން ސާބިތުވާ ހެކިތައް ލިބެން އެބަހުރި ކަމަށެވެ. އަދި މިކަމާ ގުޅިގެން ދެކުނު ކޮރެޔާ އިން ދަނީ އުތުރު ކޮރެޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.


މައުލޫމާތު ލިބޭ ގޮތުގައި މިހާދިސާއަށް ފަހު ދެކޮރެޔާއިން ވެސް ދަނީ އައިސްފާނެ ހަމަލައަކަށް ތައްޔާރުވުމަށް ޓަކައި އަސްކަރީ ތަމްރީނު ތައް ހަދަމުންނެވެ.