މޮސްކޯ(މާޗް 14): ރަޝިއާގެ ކުރީގެ ޖާސޫސަށް ވިހަ ދިނީ އެގައުމުން ކަމަށް ބެލެވޭ ކަމަށް އިނގިރޭސިވިލާތުން ބުނުމާ ގުޅިގެން ރަޝިއާގެ މަލާމާތް އިނގިރޭސިވިލާތަށް އަމާޒުވެއްޖެ އެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު ސެލިސްބަރީގައި ހޭނެތިފައި އޮއްވާ ފެނުނު ސާގީ ސްކްރިޕަލް އާއި އޭނާގެ ދަރިފުޅު ޔޫލިއާއަށް ދީފައި ވަނީ ރަޝިއާއިން އުފައްދާ ބާވަތެއްގެ ނާވް އޭޖެންޓެއް ކަމަށް އިއްޔެ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވި އެވެ.

އެހެންކަމުން އެހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށްވެސް މޭ ވިދާޅުވި އެވެ.

އޭގެ ސަބަބުން ރަޝިއާގެ ފޮރިން މިނިސްޓްރީން ވަނީ މޭގެ ތުހުމަތުތައް ހޭޝްޓެގަކަށް ހަދައި، އިނގިރޭސިވިލާތައް ހަޖޫ ޖަހައިފައެވެ. އެގޮތުން 'ހޭޝްޓެގް ހައިލީ ލައިކްލީ ރަޝިއާ' (HighlyLikelyRussia#) ބޭނުންކޮށް، އިނގިރޭސިވިލާތުން ދެން ރަޝިއާގެ މައްޗަށް ކުރާނީ ކޮން ތުހުމަތުތަކެއްތޯ ސުވާލުކޮށްފައެވެ.

އެގޮތުން ރަޝިއާގެ ފޮރިން މިނިސްޓްރީން ޓުވީޓު ކުރި ވީޑީއޯއެއްގައި ވަނީ އިނގިރޭސިވިލާތަށް މިހާރު ފިނި ފައިބަމުން ދަނީ ރަޝިއާގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ބުނެ ޓުވީޓެއްކޮށްފައެވެ. އަދި ޓުވިޓާ ބޭނުން ކުރާ އެހެން ފަރާތްތަކުން ވަނީ ސްކްރިޕަލް އަށް ވިހަ ދިން މައްސަލައިގައި ރަޝިއާގެ މައްޗަށް ތުހުމަތު ނުކުރެވޭނެ ސަބަބުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.

އިއްޔެ ގާނޫނޫ ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން މޭ ވަނީ ރަޝިއާއިން އުފައްދާ ނާވް އޭޖެންޓެއް އިނގިރޭސިވިލާތުގައި ބޭނުން ކުރި ސަބަބު ބުނެދިނުމަށް ރަޝިއާއަށް 24 ގަޑި އިރުގެ މުހުލަތެއް ދެއްވާފައެވެ. އަދި ރަޝިއާއިން ޖަވާބުދާރީ ނުވެއްޖެ ނަމަ އެގައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ނަމަވެސް ލަންޑަނުގައި ހުންނަ ރަޝިއާގެ އެމްބަސީން ވަނީ އެގައުމުން އެފަދަ ޖަވާބެއް ދޭނީ އިނގިރޭސިންނަށް ފެނުނު ނާވް އޭޖެންޓުގެ ސާމްޕަލެއް ރަޝިއާއަށް ދިނުމުން ކަމަށް ބުނެފައެވެ.

ސްކްރިޕަލްއަކީ ރަޝިއާގެ ޖާސޫސީ އިދާރާގައި މަސައްކަތް ކުރަމުން އިނގިރޭސިވިލާތަށް މައުލޫމާތު ދިނުމުގެ ކުށުގައި 2006 ވަނަ އަހަރު ރަޝިއާއިން 13 އަހަރަށް ޖަލަށް ލައިފައިވާ މީހެކެވެ. ނަމަވެސް 2010 ވަނަ އަހަރު އިނގިރޭސިވިލާތާ އެކު ހެދި އެއްބަސްވުމުގެ ދަށުން ރަޝިއާއިން ވަނީ ސްކްރިޕަލް ދޫކޮށްލައިފައެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން ދިޔައީ އިނގިރޭސިވިލާތުގައެވެ.