14 Mar 2018, 10:38
ޗައިނާ ފަތުރުވެރިންގެ އައުޓްބައުންޑް މާކެޓު ނުވަތަ ބޭރަށް ދަތުރުކުރާ ފަތުރުވެރިންގެ މާކެޓު ދަނީ ބޮޑުވަމުން ކަމަށާއި އެ މާކެޓުގައި ހުރި ފުރުސަތުތަކުގެ ބޭނުންކުރުމުގެ ހައްގު ދިވެހިރާއްޖެއަށް ވެސް ލިބެން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އައިސް އުޅޭ އިންޑިއާގެ ނޫސްވެރިންތަކަކަށް ޚާއްސަކޮށްގެން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވި ކުރިއެރުންތަކުގެ ވާހަކަތައް ހިއްސާ ކުރައްވައިފަ އެވެ.
ސައީދު ވިދާޅުވީ ރާއްޖެއަށް އަންނަ އިގްތިސާދީ ކުރިއރުމަކީ ދެކުނު އޭޝިއާ ސަރަހައްދަށް ވެސް ލިބޭ ކުރިއެރުމެއް ކަމަށާއި އިންޑިއާއާއި އެހެނިހެން ގައުމުތަކުން އެކަމަށްޓަކައި އުފާވެ، ފަޚުރުވެރިވާން ޖެހޭ ކަމަށެވެ.
"ޗައިނާ އާއި އިންޑިއާއަކީ އިގްތިސާދީ ބޮޑެތު ބާރުތައް. މި ގައުމުތަކާ އެއް ސަރަހައްދެއްގައި ރާއްޖެ އޮތުމަކީ ނަސީބެއް،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނަކަން ފާހަގަކުރައްވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑު އައުޓްބައުންޑް މާކެޓު ނުވަތަ ޗުއްޓީއަށް ގައުމުން ބޭރަށް ދަތުރުކުރާ ފަތުރުވެރިންނަކީ ޗައިނާ ކަމަށެވެ.
"ޗައިނާގެ އައުޓްބައުންޑް ޓްރެވަލްގެ ބާރު ގަދަވަމުންދާ ވާހަކައަކީ ސިއްރެއް ނޫން. ނިއުޔޯކާއި ޕެރިސްއާއި ރޯމް ފަދައިން ރާއްޖެއަށް ވެސް އެބަ އޮތް އެ މާކެޓުން ފުރުސަތު ހޯދުމުގެ ހައްގު،"
ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރިމެންޓް (ސަފްޓާ) އޮތްކަމާއި ރާއްޖެއިން ޗައިނާއާ އެކު ވެސް ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދާފައިވާކަން ސައީދު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ އިނގިރޭސިވިލާތާއި ޖަޕާނުގެ އިތުރުން ވިލާތުގެ އިއްތިހާދަށް ވެސް ފްރީ ޓްރޭޑް އެގްރިމެންޓް ހެދުމުގެ ދައުވަތު ފޮނުވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އަހަރަކު 150 އެއްހާ ކަނޑުމަސް ބާނަން. މައިގަނޑު ގޮތެއްގައި ކަނޑުމަސް އެކްސްޕޯޓުކުރަނީ ވިލާތަށާއި އެމެރިކާއަށް. އެގައުމުތަކުން ދިވެހި ކަނޑުމަހަށް ވަރަށް ރަނގަޅު ވެލިއުއެއް ލިބޭ،"
އިގްތިސާދާ ބެހޭ ވަޒީރު ވިދާޅުވީ ރައީސް ޔާމީން ގެންގުޅުއްވާ ޒަމާނީ އިގްތިސާދެއްގެ ތަސައްވަރަށް އިހުތިރާމް ކުރަން ޖެހޭ ކަމަށާއި އެމަނިކުފާނު ވަނީ އެތައް އަހަރެއް ވަންދެން އަޅާނުލައި ދޫކޮށްލާފައިވާ އިގްތިސާދެއް ކޮޅަށް ޖައްސަވާފައި ކަމަށެވެ.
"ރާއްޖޭގެ އިގްތިސާދު ޒަމާނީކުރުމަށް ރައީސް ޔާމީން ގެންގުޅުއްވާ ތަސައްވަރަށް އިހުތިރާމް ކުރަންޖެހޭ. އެމަނިކުފާނަކީ ގައުމަކަށް ބޮޑު ތަފާތެއް ގެނެސްދެއްވި، އޭޝިއާގެ ލީޑަރެއް." ސައީދު ވިދާޅުވި އެވެ.