14 Mar 2018, 12:36
އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް އައްޔަން ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި މައިކް ޕޮމްޕިއޯއަކީ އެމެރިކާ ސިފައިންގެ ތެރޭގައި އޮފިސަރުން ފެންވަރުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށް ފަހު ގާނޫނީ ދާއިރާއިން މަތީ ތައްލީމް ހާސިލް ކުރައްވައިގެން ހުންނެވި ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ.
ގާނޫނީ ރޮނގުން މަތީ ތައުލީމް ކުރިޔަށް ގެންދަވައި އެދާއިރާގައި ކުރުމުއްދަތަކަށް ޚިދުމަތް ކުރެއްވުމަށް ފަހު ޕޮމްޕިއޯ މަސައްކަތް ފެއްޓެވީ އިގްތިސާދާއި ވިޔަފާރީގެ ރޮނގުގައެވެ. މިގޮތުން ފަޒާގެ ދާއިރާއަށް ޚާއްސަ އަމިއްލަ ކުންފުންޏެއް އުފައްދަވައި އެކުންފުނިން ބައެއް މެޝިނަރީ އުފައްދައި އެކި ގައުމުތަކުގައިވާ ފަޒާގެ ރީސާޗްތައްކުރާ ކުންފުނިތަކަށް އެތަކެތި ވިއްކައި ވިޔަފާރީގެ ބޮޑެތި މުއާމަލާތްތަކެއް ހިންގަވައިގެން މުއްސަނދިވެ ވަޑައިގެންނެވިއެވެ.
އުފަންވެ ވަޑައިގަތުން
މައިކް ޕޮމްޕިއޯ އުފަންވެވަޑައިގަތީ 30 ޑިސެމްބަރު 1963ގައި އެމެރިކާގެ ކެލިފޯނިއާގައެވެ.
ތައުލީމާއި ތަމްރީނު
ސާނަވީ ތައުލީމަށް ފަހު އެންމެ ފުރަތަމަ މަތީ ތައުލީމު ހާސިލުކުރެއްވީ އެމެރިކާގެ މަޝްހޫރު ވެސްޓް ޕޮއިންޓް އެކަޑަމީންނެވެ. އެތަނުން 1986ގައި ދަސްވެނިވުމަށްފަހު އެމެރިކާ ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް އުޅުއްވިއެވެ. އެއަށް ފަހު އެމެރިކާގެ މަޝްހޫރު ހާވަޑް ޔުނިވާރސިޓީއަށް ވެދެވަޑައިގެން ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލުކުރެއްވިއެވެ. އަދި ހާވަޑް ޔުނިވާސިޓީން ނެރޭ މަޖައްލާ ކަމަށްވާ "ހާވަޑް ލޯ ރިވިއު"ގެ އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.
ވަޒީފާތަކާއި މަސްއޫލިއްޔަތުތައް
ޕޮމްޕިއޯ އެމެރިކާ ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވިއެވެ. އޭނާ ބޮޑަށް ހަރަކާތްތެރިވެވަޑައިގަތީ އެމެރިކާ ސިފައިންގެ ތެރޭގައި ހިމެނޭ އިންޖިނޭރުންގެ ކޯގައެވެ. އެއަށްފަހު ގާނޫނީ ދާއިރާއިން ހާވަޑް ޔުނިވާސިޓީގައި މަތީ ތައްލީމު ހާސިލުކުރެއްވުމަށްފަހު ގާނޫނީ މަސައްކަތްތަކުގައި ތިން އަހަރު ވަންދެން އުޅުއްވިއެވެ. ދެން ވިޔަފާރީގެ ދާއިރާއިން ކުރިއަށް ވަޑައިގަތުމަށްޓަކައި ފަޒާގެ ދާއިރާއަށް ޚާއްސަ ކުންފުންޏެއް އުފައްދަވައި އެކުންފުނިން ބައެއް މެޝިނަރީ އުފެއްދެވިއެވެ. އަދި އެތަކެތި ފަޒާގެ ރީސާޗްތައް ކުރާ ކުންފުނިތަކަށް ވިއްކައިގެން ބޮޑު ފައިދާތަކެއް ހޯއްދަވައި މުއްސަނދިވެ ވަޑައިގެންނެވިއެވެ.
ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތުން
މައިކް ޕޮމްޕިއޯ އަކީ އޭނާގެ ޒުވާން ދުވަސްވަރުން ފެށިގެންވެސް އެމެރިކާގެ ދޮން ނަސްލުގެ ހަރުކަށި ގައުމީ ފިކުރަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އަދި ދޮން ނަސްލުގެ މީހުން އެހެން ނަސްލުތަކުގެ މީހުންނަށްވުރެ މޮޅުކަމާއި އެހެން ނަސްލުތަކުގެ މީހުންނާ ދޮން މީހުން ތަފާތުވާނެކަމުގެ ބޯދާ ވިސްނުން ޕޮމްޕިއޯ ގަބޫލުކުރައްވައެވެ. ޕޮމްޕިއޯ ސިޔާސީ ދާއިރާއަށް ވަދެވަޑައިގެންނެވީ 2010 ވަނަ އަހަރުއެވެ. އެއަހަރު އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ފަރާތުން ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ކެންސަސް ސްޓޭޓްގެ ދާއިރާއެއްގެ ގޮނޑިއަކަށް ކުރިމަތިލައްވައިގެން އެމެރިކާގެ ޕާލަމެންޓްގެ ތިރިގޭގެ މެންބަރުކަމަށް އިންތިޚާބުވެ ވަޑައިގެންނެވިއެވެ.
އެއަށްފަހު 2017 ވަނަ އަހަރު އެމެރިކާގެ ރައީސްކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެ ވަޑައިގަތުމާއެކު އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ ސީއައިއޭގެ ޑައިރެކްޓަރުކަމުގެ މަގާމަށް ޓްރަމްޕް އޭނާ އައްޔަނު ކުރެއްވިއެވެ. މިއާ އެކު 24 ޖަނަވަރީ 2017ގައި ސެނެޓުން ޕޮމްޕިއޯއަށް ރުހުން ދިނެވެ. އެއަށް ފަހު 13 މާޗް 2018ގައި ޓަރްމްޕް ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުން، މެދުމިނުގެ ފިކުރުގެ ބޭފުޅެއްކަމަށްވާ ރެކްސް ޓިލަސަން ދުރުކޮށް އެމަގާމަށް ހަރުކަށި ފިކުރުގެ ޕޮމްޕިއޯ އައްޔަނުކުރުމަށް ނިންމެވިކަން އިއުލާން ކުރައްވައިފައެވެ.
ޕޮމްޕިއޯގެ ހަރުކަށި ވިސްނުމާއި ސިޔާސީ ތަޖްރިބާ
ލީބިޔާގައި ހުންނަ އެމެރިކާގެ އެމްބަސީއަށް 2012 ވަނަ އަހަރު ބަޔަކު ދިން ޓެރަރިސްޓް ހަމަލާއެއްގައި އެމެރިކާގެ ސަފީރާއި އެމެރިކާގެ ހަތަރު ޑިޕްލޮމެޓުން މަރުވި މައްސަލަ ތަހުގީގުކުރުމަށް ކޮންގްރެސްއިން އެކުލަވާލި ތަހުގީގު ޓީމުގައި ޕޮމްޕިއޯ ހިމެނިވަޑައިގެންނެވިއެވެ. އެޓީމުން އެކަން ތަހުގީގު ކުރުމަށްފަހު ނެރުނު 200 ސަފްހާގެ ރިޕޯޓުގައި އެދުވަސްވަރު އެމެރިކާގެ ޚާރިޖީ ވަޒީރަކަށް ހުންނެވި ހިލަރީ ކްލިންޓަންގެ ފަރުވާ ކުޑަކަމާއި ދޯދިޔާކަމުގެ މައްސަލަ ފާހަގަކުރުމުގައި ޕޮމްޕިއޯ އިސް ދައުރެއް އަދާކުރެއްވިއެވެ.
ޕޮމްޕިއޯއަކީ މުސްލިމުންނަށާއި، އެމެރިކާގެ ބައި މަދު ނަސްލުތަކުގެ މީހުންނަށް ނަފްރަތު ކުރުމާއި ނަސްލީ އިމްތިޔާޒުގެ ފިކުރުތައް ގެންގުޅުއްވާ ބޭފުޅެއްކަމުން ސީއައިއޭގެ ޑައިރެކްޓަރުކަމުގެ މަގާމަށް ޓްރަމްޕް އޭނާ އައްޔަނުކުރުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމެރިކާގެ ޖަމާއަތްތަކުންނާއި މުސްލިމުންގެ ޖަމިއްޔާތަކާއި ބައިމަދު ނަސްލުތަކުގެ ޖަމިއްޔާތަކުން އެކަމާ ނުރުހުންވެ އޭނާއާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ.
ޕޮމްޕިއޯއަކީ މުސްލިމުންނަށާއި އަދި އެމެރިކާގެ ބައިމަދު ނަސްލުތަކުގެ މީހުންނަށް ނަފްރަތުކުރާ، ނަސްލީ އިމްތިޔާޒުގެ ފިކުރު ގެންގުޅުއްވާ ބޭފުޅެއްކަން އޭނާގެ ވަރަށް ގިނަ ނިންމުންތަކާއި އަމަލުތަކުން ހާމަވެ ކަށަވަރުވެފައި ވެއެވެ. މިގޮތުން ޕޮމްޕިއޯ ވަނީ އައިއެސްއާއި ތާލިބާނުންނާއި އަލްގައިދާ ފަދަ އިސްލާމްދީނުގެ ނަމުގައި (ނަމަވެސް އިސްލާމީ އުސޫލުތަކާ ދެކޮޅަށް) ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތްތަކަކީ އިސްލާމްދީނުގެ އުސޫލުތައް ތަންފީޒުކުރާ ބައެއްކަމަށް ވިދާޅުވެ އެ ޖަމާއަތްތަކުގެ ހަރުކަށި އަމަލުތަކާއި މާތްވެގެންވާ އިސްލާމްދީނާއި މުސްލިމުންނާވެސް ގުޅުވަން މަސައްކަތް ކުރައްވައި، އެފަދަ ބަޔާންތައް ދެއްވާފައެވެ. އެގޮތުން އެ ޖަމިއްޔާތަކަށް މުސްލިމުންގެ ތާއީދު ލިބޭކަމަށްވެސް ޕޮމްޕިއޯ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޕޮމްޕިއޯއަކީ އިންސާނީ ހައްގުތަކާ ޚިލާފަށް އެމެރިކާގައި ހިންގާ ހުރިހާ ކަމަކަށްވެސް ތާއީދުކުރައްވާ ބޭފުޅެކެވެ. މިގޮތުން ގުއަންޓަނާމޯ ބޭ ޖަލު އުފެއްދުމާއި އެޖަލުގައި އަނިޔާވެރި އަމަލުތައް ހިންގުމާއި އެމެރިކާ ސިފައިން އިރާގުގެ އަބޫޣުރައިބު ޖަލުގައި ހިންގި ލާއިންސާނީ ޖަރީމާތަކާއި އެމެރިކާ ސިފައިން އަފްގާނިސްތާން ފަދަ ގައުމުތަކުގައި ހިންގާފައިވާ ގަތުލުއާންމުތަކާއި ލާއިންސާނީ އަމަލުތަކަށް ޕޮމްޕިއޯ ތާއީދު ކުރައްވާފައިވެއެވެ.
އިރާނުގެ ނިއުކްލިއާ މައްސަލާގައިވެސް ޕޮމްޕިއޯއަކީ ހަރުކަށި ވިސްނުން ގެންގުޅުއްވާ ބޭފުޅެކެވެ. މިގޮތުން އެމެރިކާއާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ސޮއިކޮށްފައިވާ އީރާނުގެ ނިއުކްލިއާ އެއްބަސްވުމަކީ އީރާނަށް ފައިދާހުރި އެއްބަސްވުމެއްކަމާއި އެ އެއްބަސްވުން ބަދަލުކުރުމަށް ނޫނީ އުވާލުމަށް ޓްރަމްޕް ގެންގުޅުއްވާ ވިސްނުމަށް ޕޮމްޕިއޯ ވަރަށް ބޮޑަށް ތާއީދުކުރައްވައެވެ.
އަދި ޕޮމްޕިއޯއަކީ އެމެރިކާއަށް އެހެން ގައުމުތަކުގެ މީހުން ޚާއްސަކޮށް މުސްލިމުން ހިޖުރަކުރުމާވެސް އިދިކޮޅު ބޭފުޅެކެވެ. ހާއްސަކޮށް މުސްލިމުން އެމެރިކާއަށް ހިޖުރަކުރުމާ ދެކޮޅަށް ޕޮމްޕިއޯ ވާހަކަ ދައްކަވައި މުސްލިމުންނަކީ ޓެރަރިސްޓުންކަމަށް ސިފަކުރައްވާފައިވެއެވެ.
މީގެ އިތުރުން ޕޮމްޕިއޯއަކީ އިސްރާއީލުގެ ހަރުކަށި ޔަހޫދީ ޒަޔަނިސްޓް ފިކުރަށްވެސް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. މިގޮތުން ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ޓްރަމްޕް ނިންމެވި ނިންމުމަށް ޕޮމްޕިއޯ ވަރަށް ބޮޑަށް ތާއީދު ކުރައްވައެވެ.
ދުނިޔޭގެ ތިމާވެއްޓާ ގުޅޭ މައްސަލަތައް ވެސް ޕޮމްޕިއޯ ގަބޫލެއް ނުކުރައްވައެވެ. ތިމާވެށި ހިމާޔަތްކުރުމަށް ދުނިޔޭގައި ކުރަމުން ގެންދާ މަސައްކަތްތަކާއި ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ޕެރިސް މުއާހަދާއަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަންތައްތަކެއް ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތަށް ޕޮމްޕިއޯ ވެސް އެކަންކަން އެގޮތަށް ގަބޫލުކުރައްވައެވެ.