14 Mar 2018, 11:07
ފްރާންސް ފޯވަޑް ވިސާމް ބެން ޔެޑާ ކާމިޔާބުކުރި ދެ ލަނޑާއެކު، ޔޫއެފާ ޗެމްޕިއަންސް ލީގުން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލައި، ސެވިއްޔާއިން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑު، އޯލްޑް ޓްރެފަޑްގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ސެވިއްޔާއިން ހޯޒޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ޔުނައިޓެޑް އަތުން މޮޅުވެފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން ރޮމެލޫ ލުކާކޫއާއި މަރުއާން ފެލައިނީއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ފުރަތަމަ ހާފުގައި ސެވިއްޔާގެ އެންޖެލް ކޮރޭއާއާއި ލުއިސް މުރިއެލްއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގުގައި ޔުނައިޓެޑާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ދެވަނަ ހާފުގެ ކުރީކޮޅުގައި ދެ ޓީމުންވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޔުނައިޓެޑްގެ ޖެސޭ ލިންގާޑަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ނުހިފުނު އިރު، ސެވިއްޔާގެ ކޮރޭއާއާއި މުރިއެލްއަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ސެވިއްޔާއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ޕަބްލޯ ސަރަބިއާ ދިން ބޯޅައަކުން ސެވިއްޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ބެން ޔެޑާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުޅެން ނުކުތްތާ މިނެޓެއްވެސް ނުވަނީހެވެ.
ސެވިއްޔާއަށް ބެން ޔެޑާ ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑުޖެހިތާ ހަތަރު މިނެޓުގެ ތެރޭގައެވެ. ކޮރޭއާ ނަގައިދިން ހުރަހަކުން ބެން ޔެޑާ، އެ ލަނޑު ކާމިޔާބުކުރީ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. ފުރަތަމަ ލަނޑެކޭ އެއްގޮތަށް ބެން ޔެޑާ ދެވަނަ ލަނޑު ޖެހި އިރުވެސް ޔުނައިޓެޑްގެ ޑިފެންސް ލައިންގެ ގޯސްތައް ފެނިގެންދިޔައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގުގައި ޔުނައިޓެޑް ކޮޅަށް ބެން ޔެޑާ ކާމިޔާބުކުރި ދެވަނަ ލަނޑަށްފަހު ސެވިއްޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށެވެ. މާކަސް ރަޝްފާޑު ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫއެވެ. އެ ލަނޑަށްފަހު ޔުނައިޓެޑްގެ ރަޝްފާޑަށް ވެސް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ރޭ ކުޅުނު ގަދަ 16ގެ އަނެއް މެޗުގައި ރޯމާއިން ވަނީ އަމިއްލަ ދަނޑުގައި 1-0ގެ ނަތީޖާއަކުން ޝަޚްތާރު ޑޮނެސްކް ބަލިކޮށް، ކުއާޓާގެ ޖާގައެއް ހޯދައިފައެވެ. ރޯމާއިން ޖެހި ލަނޑު، މެޗުގެ 52 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޑިން ޖެކޯއެވެ. ރޭގެ މެޗުގެ ކުރިން ޝަޚްތާރުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗު ނިމިގެންގޮސްފައިވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މިހާތަނަށް ކުއާޓާގެ ޖާގަތައް ހޯދާފައިވަނީ ޔުނައިޓެޑްގެ އިތުރުން ރޯމާ، ރެއާލް މެޑްރިޑް، ލިވަޕޫލް، ޔުވެންޓަސް އަދި މެންޗެސްޓާ ސިޓީއެވެ. ކުއާޓާގެ ފަހު ޖާގަތައް ހޯދާ ދެ ޓީމެއް ކަށަވަރުވާނީ މިރޭ ކުޅޭ ގަދަ 16ގެ މެޗުތަކަށްފަހުއެވެ. މިރޭ ބާސެލޯނާއާ ދެކޮޅަށް ރަށުން ބޭރުގައި ޗެލްސީ ނުކުންނަ އިރު، ރަށުން ބޭރުގައި ބަޔާން ނުކުންނަން ޖެހޭނީ ބެސިކްޓާސްއާ ދެކޮޅަށެވެ.