14 Mar 2018, 10:04
ވާނާ ބްރޯޒް ޕިކްޗާސް އިން ގެނެސްދޭ ފިލްމު ފެންޓާސްޓިކް ބީސްޓްސްގެ ސީކުއަލް ފެންޓާސްޓިކް ބީސްޓް: ދަ ކްރައިމްސް އޮފް ގްރިންޑަލްވާލްޓްގެ ފުރަތަމަ ޓީޒާ ޓްރެއިލާ އާންމުކޮށްފި އެވެ.
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޭކޭ ރޯލިންގެ ވާހަކައެއްގެ މައްޗަށް އުފައްދާ އެ ފިލްމުގެ ޑައިރެކްޓަރަކީ ޑޭވިޑް ޔަޓްސް އެވެ.
އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޑޭވިޑް ހޭމަން، ސްޓީވް ކްލޯވްސް، ޖޭކޭ ރޯލިން އަދި ލައޯނެލް ވިގްރަމް އެވެ.
"ފެންޓާސްޓިކް ބީސްޓް: ދަ ކްރައިމްސް އޮފް ގްރިންޑަލްވާލްޓް"ގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދާނީ ޖޯނީ ޑެޕް، އެޑީ ރެޑްމޭން އަދި ޖޫޑް ލޯ އެވެ.
ތަފާތު ކަންތައްތަކެއް ފެނިގެންދާ މި ސީކުއަލް އަކީ ކުރީ ގެނެސްދިން ފިލްމަށް ވުރެ ވެސް މާ ޝައުގުވެރިކޮށް ގެންދަން ހަމަޖެހިފައިވާ ފިލްމެއް ކަމަށް ޓީމުން ބުންޏެވެ.
ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ މެކްޔޫއެސްއޭ ނުބައި ޖާދޫގަރު ގްރިންޑަލްވާލްޓް ހައްޔަރުކުރި ތަނެވެ. ދެވަނަ ބައިން ފެނިގެންދާ އާދަޔާ ހިލާފް ކަންތައްތައް ބެލުމަށް ކުޑަ އިންތިޒާރެއްކޮށްލާށެވެ.
މައުލޫމާތު: ދަ ގާޑިއަން