14 Mar 2018, 09:43
ސިޔާސީ މައިދާނުގައި ހުރިހާ ޖިންސެއްގެ މީހުންނަށް ވެސް ފުރުޞަތު އޮންނަންވާނީ ހުޅުވާލެވިފަ އެވެ. ޑިމޮކްރަސީގެ ހަގީގަތަކީ ވެސް އެއީ އެވެ. ނަމަވެސް މިއަދު ރާއްޖޭގައި ކަން ހިނގަމުންދާ ގޮތުން ސިޔާސީ މައިދާނުގައި އެއް ބަޔަކު ދައްކަމުންދާ މަންޒަރަކީ އެއާ މުޅިން ތަފާތު މަންޒަރެކެވެ. ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނެރޭ ހަތިޔާރަކަށް ކަނބަލުން ހަދައި ނިންމައިފި އެވެ.
ދީނީ ނަޒަރަކުން ބަލާއިރު ކަނބަލުންނަކީ ހާއްސަ މަގާމެއް ދެވިފައިތި ވަރަށް މާތް ބައެކެވެ. އެ ކަނބަލުންނަށް އިސްލާމްދީނުގައި ހާއްސަ މަގާމެއް ވަނީ ދެވިފަ އެވެ. މައިންނާއި ދައްތައިންނަށެވެ. މާމައިންނާއި ބޮޑުދައިތައިންނެވެ. ކަން މިހެން އޮތް އިރު އިސްލާމީ މުޖްތަމައެއްގައި އަންހެން މީހާއަށް ދެވިފައިވާ މަގާމް ހިފައްހައްޓަން ޖެހެނީ އެ މުޖްތަމައެއްގެ އެންމެން ގުޅިގެންނެވެ.
ރާއްޖޭގެ ތާރީހަށް ބަލާއިރު އެކިއެކި ވެރިކަންތަކުގައި އަންހެނުންގެ ހައްގުގައި ސަރުކާރުން ސީދާ އިސްވެ މަސައްކަތް ކޮށްފައި ހުރީ އެކިވަރަށެވެ. ދީނީ ގޮތުން އަންހެނުންނަށް ހޯދައިދެން ޖެހޭ ހައްގުތައް ވެސް ފޯރުކޮށްދެވިފައި ހުރީ އެކި ވަރަށެވެ. އިއްޒަތްތެރި 30 އަހަރާއި ހުޅަނގުން ކިޔަވާ ވިދާޅުވެގެން ގައުމުގައި ވެރިކަން ކުރެއްވި ބޭފުޅާގެ ތިން އަހަރުގައި ވެސް އެ ތަފާތު ފެނުނީ އެހެންނެވެ.
އިދިކޮޅު ފަރާތްތަކުން މަޖީދީމަގުގެ އެކި ސަރަހައްދުތަކަށް އެއްވެ މުޒާހަރާ ކޮށްފައިވާއިރު ފުލުހުން ވަނީ އެއްވުން ދޫކޮށް ދިއުމަށް އަންގާފައި، އަދި ޣައިރު ގާނޫނީ އެއްވުމެއް ކަމަށްވެސް އަންގާފައިވޭ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް
މި ވެރިކަމާ ހަމައަށް އައި އިރު އަންހެނުންނަށް ސަރުކާރުގެ ތެރެއިން ބާރުތައް ދިނުމަކީ ގައުމުގެ އިސްވެރިން އޭރު ނުދަންނަ ބީރައްޓެހި ހިޔާލެކެވެ. އޭރު ވެރިން "ފަސްޓް ލޭޑީން"ނަށް ދިން ޖާގައަކީ ވެސް އިޖްތިމާޢީ މަސައްކަތުން ދިން ޖާގައެކަންޏެވެ. ސިޔާސީ މައިދާނުން އެކަނބަލުން ގެންގުޅުނީ ވަރަށް ބޮޑަށް އެކަހެރިކޮށްގެންނެވެ.
މިކަން ބަދަލުވެގެން އައީ މި ވެރިކަމުގަ އެވެ. ފަސްޓްލޭޑީ ފާތިމަތު އިބްރާހިމްގެ އިޖްތިމާއީ މަސައްކަތެކޭ އެއްގޮތައް އެކަމަނާގެ ސިޔާސީ މަސައްކަތް ވެސް ފެނުނީ ދާދިއެއް ހަމައެއްގައި ހިންގުންތެރިކޮށެވެ. މަގުމަތީގައި މުޒާހަރާ ނުކުރެއްވި ނަމަވެސް "ފާޑުފާޑު ޒުންބާ" ކްލާހަށް އެކަމަނާ ވަޑައިނުގަތަސް ވެރިކަން ފެށުނު ހިސާބުން ރިޔާސީ ދައުރުގެ ފަހުކޮޅަށް އައިރު ވެސް އެކަމަނާ ފެންނަނީ ހަރަކާތްތެރިކޮށެވެ. އަދި ސިޔާސީ މައިދާނުގައި އެހެން އަންހެނުނަށް ފުރުޞަތު ހޯދައިދިނުމުގައި ވެސް އެކަމަނާ މިސާލު ދައްކަވަމުންދާ ކަމަށް ސަރުކާރަށް ނިސްބަތްވާ އެކި ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އިދިކޮޅު ޕާޓީތަކުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކުގައި ފެންނަމުންދާ އެއް މަންޒަރަކީ އަންހެނުންތަކެއް މަގުމައްޗަށް ނެރެގެން އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ މަންޒަރެވެ. މަޖިލީހުގައި މަސައްކަތް ކުރައްވާ އަންހެން ދެތިން ކަނބަލުން ފިޔަވާ ދެން އެފަދަ އެއްވުންތަކުން ފެންނަނީ މުޅިން ވެސް ނިކަމެތި އާންމު ރައްޔިތުންނެވެ. އަދި އެ މަޖިލިސް މެމްބަރުންގެ ތެރޭގައި ވެސް ގިނައީ ފުލުހުން މުޒާހަރާ ރޫޅާލާ ވަގުތު ސައިކަލުތަކުގައި ފިލާ މެމްބަރުންނެވެ.
އިދިކޮޅު ފަރާތްތަކުން މަޖީދީމަގުގެ އެކި ސަރަހައްދުތަކަށް އެއްވެ މުޒާހަރާ ކޮށްފައިވާއިރު ފުލުހުން ވަނީ އެއްވުން ދޫކޮށް ދިއުމަށް އަންގާފައި، އަދި ޣައިރު ގާނޫނީ އެއްވުމެއް ކަމަށް ވެސް އަންގާފައިވޭ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް
ކޮންމެ ރެއަކު މާލޭގައި މި މުޒާހަރާތަކެއް ކުރާތާ މަސް ދުވަސް ވެގެންދިޔައީ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވެސް މިވެރިން އެތައް ފަހަރަކު މި މުޒާހަރާތަކުގެ ތެރެއިން ވައްޓާލައިފި އެވެ. ނަމަވެސް ފެނުނު މަންޒަރުތަކަށް ވިސްނާ ނަމަ އެނގިގެންދިޔައީ އިދިކޮޅުގެ ބޭނުމަކީ ސަރުކާރުން ކުރާ ކަންތައްތަކާ މެދު ހިތްހަމަނު ޖެހޭ ބަޔަކު ތިބިކަން ދެއްކުމެވެ. އެކަމަށް އެމީހުން ބޭނުން ކުރާ ހަތިޔާރަކީ އަންހެނުންނެވެ. އަންހެންވެރިން މަގުތަކަށް ނެރެގެން މޮޅެތި ލަވަތައް ޖަހައިގެން ނެށުވުމަކީ ބަޔަކު ދަންނަ ޑިމޮކްރަސީ ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރު ހިންގާ ޕާޓީގެ މަޖިލިސް މެމްބަރު މުއާޒް ވިދާޅުވީ އިދިކޮޅުގެ މުޒާހަރާތަކުގައި އަންހެންވެރިންތަކެއް ނެރެގެން ކުރަމުންދާ ކަންކަން ކުށްވެރިކުރާ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ މައިދާނުގައި އަންހެނުންގެ ޖާގައަކީ މަގުމަތި ނޫން ކަމަށާއި އެ މައިދާނުގައި އަންހެނުންގެ ހައްގުޖާގަ މެޑަމް ފާތިމަތު އިބްރާހިމް ދައްކަވަމުންދާ ކަމަށެވެ.
"އަންހެނުންނަކީ ދިވެހި މުޖްތަމައުގައި ހާއްސަ ގަދަރެއް ދެވިފައި ތިބި ބައެއް. އެމީހުންނަކީ ވަކި ކަހަލަ ހައްގުތަކަކުން ހިމާޔަތް ކުރަން ޖެހޭ ބައެއް. ސިޔާސީ ބޭނުމެއް ހާސިލް ކުރަން މުޒާހަރާތަކުގެ އިސްސަފަށް އެ ކަނބަލުން ނެރޭ ނެރުން ބަލައެއް ނުގަނެވޭ. މަގުމައްޗަށް ނޫން އެ ކަނބަލުންގެ ޖާގައަކީ. އެކަނބަލުންގެ ޖާގަތައް ހުރީ އެކިއެކި ކުންފުނިތަކުގެ ބޯޑްތަކުގައިޔާއި އެކިއެކި ފެންވަރުގެ ހިދުމަތްދެވޭ މަގާމްތަކުގައި،" މަޑަވެލިދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ މުއާޒް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މަޖީދީމަގުގެ އެކި ސަރަހައްދު ތަކަށް އެއްވެ މުޒާހަރާ ކޮށްފައިވާ އިރު ފުލުހުން ވަނީ އެއްވުން ދޫކޮށް ދިއުމަށް އަންގާފައި، އަދި ޣައިރު ގާނޫނީ އެއްވުމެއް ކަމަށް ވެސް އަންގާފައިވޭ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް
ކަނބަލުން ލައްވާ ވަކި ފިކުރެއްގެ ބަޔަކު ގޯސް ހައްދަވުންދާކަން ފާހަގަ ކުރައްވަމުން ބިލެތްދޫދާއިރާގެ މެމްބަރު އަހްމަދު މުބީން ވިދާޅުވީ އިދިކޮޅުން ބައެއް އަންހެން ވެރިންގެ ބޮލު ތެރެއަށް އެރެފައިވާ ކަމަށައި އެކަނބަލުންނަށް "ޑިމޮކްރަސީގެ ސިހުރު" ޖައްސާފައިވާ ކަމަށެވެ.
"ކޮބާތޯ އިސްލާމް ދީނުގައި އަންހެނުންގެ ދަރަޖަ. އެއީ ކިހާ މާތް ބައެއްތޯ. އަޅުގަނޑަށް ދައްކަބައްލަވާ މެޑަމް ފާތިމަތު އިބްރާހިމް ފިޔަވާ މިގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ އަނބިކަނބަލުން އިސްލާމީ ހިޖާބުން ޒީނަތްތެރިވެފައި ހުރި ތަން. ނުހުންނާނެ. އެކަމުގެ ސަބަބުތައް މިފެންނަނީ. އެބޭފުޅުން ބޭނުން ވަނީ އިއްޒަތްތެރި ކަނބަލުން ވެސް ޑިމޮކްރަސީގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަން،" މުބީން ވިދާޅުވި އެވެ.
ޑިމޮކްރަސީގެ ދަލުގައި ޖައްސައިގެން މިރި ނުވެ ގޮބޮޅި ކާއްޓައްވީ ބަލަބަލާ ތިއްބަ އެވެ. ކަނބަލުން ކަންތައްތަކެއްގެ ތެރެއަށް ބަޔަކު ގަދަކަމުން ވައްދާފައިވާ އިރު މިހާރު ކުރަމުންދާ މުޒާހަރާތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބޭ ބަޔަކީ ވެސް އެއީ އެވެ. ސިޔާސީ ލީޑަރުންގެ އަނބިން މިވީހާތަނަށް ސިޔާސީ އެއްވުންތަކުން ނުފެނުނު އިރު ހޯދަން އުޅޭ ހައްގު އާންމު އެހެން އަންހެނުންނަށް ލާޒިމްވާ ނަމަ އެ މީހުންނަށް ވެސް ލާޒިމްވާނެ އެވެ. ނަމަވެސް އަބަދު ވެސް އަނިޔާ ވަނީ ނިކަމެތި އާންމުންނަށެވެ. ވެރިން ތިބެނީ ވެރިންގެ ގޮތުގަ އެވެ.
16 ފެބްރުއަރީ 2018: އިދިކޮޅު ފަރާތްތަކުން "ވޯމްއަޕް"ގެ ނަމުގައި މާލޭގައި ކުރިއަށްގެންދާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މުބީން ވިދާޅުވީ މި ސަރުކާރު ވުޖޫދަށް އައިފަހުން ކަނބަލުންނަށް ދެމުންދާ ހާއްސަ މަގާމް ބައެއްގެ ނާތަހުޒީބް ވިސްނުމުގެ ސަބަބުން އެތައް ތަނެއް ފަހަތަށް ޖެހެމުންދާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ކަނބަލުންނަށް މިސަރުކާރުން ވަރަށް ގިނަ ފުރުޞަތު ދިނިން. ކިތަން ކަނބަލުން މިނިސްޓަރުންގެ ގޮތުގައި އެބަތިބިތޯ. ކިތައް ކަނބަލުން ކުންފުނިތައް ހިންގުމުގައި އެބަތިއްބެވިތޯ. ކިތައް ކނަބަލުންތޯ ސީޔާސީ ޒިންމާދާރު މަގާމްތައް ފުރުއްވަނީ. އަޅުގަނޑުމެން ދެއްކީ ހަގީގީ މަގު. އިދިކޮޅަށް ކަނބަލުންނަށް ޓަކައި ދެއްކުނީ މަގުމަތި،" މުބީން ވިދާޅުވި އެވެ.
ފަހަކަށް އައިސް މާލޭގައި ކުރަމުންދާ މުޒާހަރާތަކުގައި ކުޑަކުދިން ވެސް ބައިވެރި ކުރަމުންދާ ކަމަށް ހިއުމަންރައިޓް ކަމިޝަން އޮފް ދަ މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ. އެހެންވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު އޮތީ އެކަނބަލުންނަށް ކަމަށްވާތީ އެވެ. ދަރިން ތަރުބިއްޔަތު ކުރަންތިބޭ މީހުން މަގުމަތީގައި ރެއާ ދުވާލު ހަޅެއްލަންވަން ތިބުމުން އެކުދިންނަށް ތަރުބިއްޔަތުގެ ތެރެއިން ފެންނާނީ އެމަންޒަރު ނޫންތޯ އެވެ.
ވިސްނާށެވެ. ކަނބަލުންނަށް ހައްގުވަނީ ޕެޕަސްޕްރޭ އިން ތަތްތެޅިގެން ކޮންމެ ރެއަކު ގެއަށް އައުންތޯ އެވެ. ނޫނީ ފިރިމީހާއެކޭ އެއް ފެންވަރަށް އާމްދަނީ ލިބޭ ވަޒީފާއެއްގައި ހިތްހަމަޖެހިލައިގެން ދަރިންނާ އެކު ވަގުތު ހޭދަކުރުންތޯ އެވެ. މޮޅީ މަޖީދީމަގުގައި ވެރިކަން ވައްޓާލުމަށް ނުކުމެ ހުރުންތޯ ނުވަތަ ސަރުކާރުން ކަނބަލުންނަށްދޭ ލޯނު ހޯދައިގެން މަޖީދީމަގުގައި ރަނގަޅު ވިޔަފާރިއެއް ފެށުންތޯ އެވެ. ވިސްނާށެވެ. މަގުމަތި ވެއްޖެއްޔާ މަގުމައްޗެވެ. ސިޔާސީ މައިދާނުން މަގުމަތި ނޫން ފުރުޞަތުތައް ވެސް ބައިވަރެވެ.