އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި އިންޑިއާގެ އައިޒޯލް އެފްސީއާ ދެކޮޅަށް ނުކުންނައިރު އެޓީމުގެ ކޯޗު ސަންތޯޝް ކަޝްޔަޕްގެ ޓެކްޓިކަލް ވިސްނުން ވަރަށް ރަނގަޅަށް އެނގޭ ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު، އޮސްކާ ބުރުޒޮން ބުނެފިއެވެ.

އޮސްކާ ވަނީ ރާއްޖެއަށް އައުމުގެ ކުރިން އިންޑިއާގެ މުމްބާއީ އެފްސީގެ ކޯޗުގެ މަގާމުގައި މަސައްކަތް ކޮށްފައެވެ. މުމްބާއީ އެފްސީން އޮސްކާ ގެންގޮސްފައިވަނީ ސަންތޯޝް ކުރިން އަދާކުރި މަގާމު ފުރުމަށެވެ.

"އަހަންނަށް އެނގޭ އިންޑިއާގެ ފުޓުބޯޅަވެސް. އެޓީމުގެ ކޯޗު ސަންތޯޝްވެސް. ބެލެވެނީ ފަހަތަށް ފަސް ކުޅުންތެރިންނާއެކު ނުކުންނާނެ ކަމަށް. މެދު ތެރެއިން ވަރަށް ވަރުގަދަވާނެ ޓީމު. ހަލުވި ކައުންޓާ އެޓޭކްތަކެއް ފެންނާނީ. މާ ބޮޑަކަށް ބޯޅަ ހިފަހައްޓައިގެން ކުޅުމަށް އިސްކަމެއް ނުދޭނެ. ޓެކްނިކަލީ ވާދަވެރި މެޗަކަށްވާނީ. މުޅިން ތަފާތު ދެ ޓެކްޓިކްސްއަކަށް ކުޅޭ ދެ ޓީމު،" އޮސްކާ ބުންޏެވެ.

ނިއުއާއި އަބަހާނީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭއެފްސީ

އޮސްކާ ބުނީ ޓީމު މިވަގުތު އޮޮތް ފޯމަކީ ވަރަށް ރަނގަޅު ފޯމެއް ކަމަށާއި، ޓީމު އޮތީ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ.

"އަހަންނަށް ނުފޮރުވޭނެ އުފާވެރިކަމެއް. އަހަރެން އެކަންޏެއް ނޫން. މުޅި ޓީމުވެސް އޮތީ ވަރަށް ބޮޑަށް އުފާވެފައި. ހިތްހަމަޖެހިފައި. ޓީމު އޮތް ފޯމު ގެއްލުވާނުލައި ކުރިއަށް ދިއުމަކީ ވަރަށް މުހިންމު ކަމެއް. ހާއްސަކޮށް ވަރުގަދަ ވާދަވެރި ކްލަބަކާ ދެކޮޅަށް ނުކުންނައިރު އެކަމަށް ވިސްނާނަން. ނިއުރޭޑިއަންޓުން ޖެހިލުމެއް ނުވޭ. ނުކުންނާނީ މޮޅުވާން. ގްރޫޕްގެ ހުރިހާ ޓީމަކާވެސް ވާދަކުރަން،" އޮސްކާ ބުންޏެވެ.

ނިއުއާއި އަބަހާނީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭއެފްސީ

އިއްޔެގެ ޕްރެސްގައި އައިޒޯލްގެ އެފްސީގެ ކޯޗު، ސަންތޯޝް ބުނެފައިވަނީ ގްރޫޕްގެ ފޭވަރިޓުންނަކީ އިންޑިއާގެ ބެންގަލޫރު އެފްސީ ކަމަށެވެ. އޮސްކާ ވަނީ އެކަމަށް ވަރުގަދަ ރައްދެއް ދީފައެވެ.

"ބެންގަލޫރު އެފްސީއަކީ ބަޖެޓުގެ ގޮތުން އެންމެ ތަފާތު ޓީމަށް ވެދާނެ. އެކަމަކު އަހަންނަށް ފޭވަރިޓުންނަަކީ އަހަރެންގެ ކުޅުންތެރިން. ނިއުއިން މި ކުޅޭ ފުޓުބޯޅައަކީ، މެޗުތަކުގައި ދައްކާ ކޮންފިޑެންސް، ޓީމުން ފެންނަ ކުރިއެރުން، ޓީމުން ފެންނަ ހުރިހާ ކަމަކަށް ބަލައި ނިއުއަށް ވާދަނުކުރެވޭނެ ޓީމެއް ނެތް. އޭއެފްސީގައި ކުޅެލަން ލިބުނީތީ ހިތްހަމަ ޖައްސައިލައިގެން ފުއްދާލާކަށް ނޫން ނުކުމެ މިހުރީކީ. ގްރޫޕް ސްޓޭޖުވެސް ފަހަނައަޅައި ދާން ވިސްނުން ހުރީ،" ރައްދުދެމުން އޮސްކާ ބުންޏެވެ.

ނިއުއިން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާ އިރު، މިއަދުގެ މެޗަކީ ގްރޫޕް ސްޓޭޖުގައި އައިޒޯލް ކުޅޭ ފުރަތަމަ މެޗެވެ. މިދިޔަ ހަފްތާ ތެރޭގައި އައިޒޯލާއި އިންޑިއާގެ ބެންގަލޫރު އެފްސީ ވާދަކުރަން ޖެހޭ މެޗު ފުރަތަމަ ޝެޑިއުލްކޮށްފައި އޮތް ނަމަވެސް ބެންގަލޫރުން އިންޑިއާގެ ސުޕަ ލީގު ސެމީއަށް ދިއުމުން އެ މެޗު ވަނީ ފަސްކޮށްފައެވެ.

އެސްޓީއޯ މާލޭ ލީގުގައި މާޒިޔާއާއި ނިއުރޭޑިއަންޓް ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޮސްކާ ބުނީ އިންޑިއާ ސުޕަ ލީގާ ގުޅިގެން މުޅި އޭއެފްސީގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެއުމަކީ އޭނާއަށް އެންމެ ފައިދާވާ ގޮތް ނޫން ކަމަށާއި، އެއީ ވަކި ބައެއްގެ ފައިދާއަށް އޭއެފްސީން ކުރާ ކަމެއް ކަމަށެވެ.

"ހަގީގަތަކީ އޭއެފްސީން ޝެޑިއުލަށް ގިނަ ބަދަލުތަކެއް ގެނެސްފިކަން. އެއީ ގްރޫޕްގެ ފެވަރިޓުންގެ ގޮތުގައި ކިޔާ ޓީމަށް ފައިދާވާނެ ގޮތަށް. އެއީ އެކަމަކު އަހަރެމެން ބަލާނެ އެއްޗެއް ނޫން. އެ މައްސަލަތަކަށް ވާހަކަ ދައްކާނީ އަހަންނެއް ނޫން،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ޝެޑިއުލަށް ދިމާވާ ކަންތައްތަކުގައި ރާއްޖެއިން ބަދަލުތަކެއް ގެންނަން ޖެހެނީ ލޯކަލް އިދާރާ (އެފްއޭއެމް) މެދުވެރިކޮށް ނަމަވެސް އިންޑިއާ ފަދަ ނުފޫޒުގަދަ ގައުމުތަކުން ވިސްނަނީ އޭއެފްސީ ލެވެލުން ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. އެހެންކަމުން އެ ވާހަކަތައް ދެއްކެން ނެތް ކަމަށާއި ވިސްނަނީ މިއަދުގެ މެޗަށް ކަމަށްވެސް އޮސްކާ ބުންޏެވެ.

ނިއުރޭޑިއަންޓާއި އިންޑިއާގެ އައިޒޯލް އެފްސީ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00ގައި ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.