14 Mar 2018, 13:56
މިދިޔަ އަހަރު އިންޑިއާގެ އައިލީގު ޗެމްޕިއަން ޓީމު، އައިޒޯލް އެފްސީއަކީ އޭއެފްސީ ކަޕަށް އަދި މުޅިން އާ ޓީމެކެވެ.
މި ސީޒަނަށް އައިޒޯލް ނުކުތީ ޓީމަށް ބޮޑެތި ބަދަލުތަކަކާ އެކުގައެވެ. އައިލީގުގެ ތަށި ނެގި ސީޒަންގައި ޓީމަށް ކުޅުނު މުހިއްމު ގިނަ ކުޅުންތެރިންތަކެއް ޓީމު ދޫކޮށްލައިފައިވާއިރު ކޯޗު ސަންތޯޝް ކަޝްޔަޕް ޓީމާ ހަވާލުވީތާވެސް އަދި މާ ގިނަ ދުވަހެއް ނުވެއެވެ.
އައިޒޯލުން މި އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު ފުރަތަމަ ފަށާ ގޮތަށް ކުރިން އޮތީ މިދިޔަ ހަފްތާގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅެން އޮތް މެޗުންނެވެ. އެހެން ނަމަވެސް އިންޑިއަން ސުޕަރލީގުގެ ސެމީ ފައިނަަލަށް ބެންގަލޫރު އެފްސީ ދަތުރުކުރުމާއެކު އޭއެފްސީންވަނީ އެ މެޗު ފަސްކޮށްފައެވެ.
އައިޒޯލްގެ އޭއެފްސީ ކަޕްގެ ދަތުރު ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް މިއަދު ކުޅޭ މެޗުން ފަށާއިރު، ކޯޗު ސަންތޯޝްއަށް ނިއުއަކީ އާ ޓީމެއް ނޫނެވެ.
"އަހަރެން ކުޅުނީ މެހެންދުރަ ޔުނައިޓެޑަށް. އެހެންވީމާ އޭރު ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނިން. އޭރު މެހެންދުރަ ޔުނައިޓެޑް އޭއެފްސީގައި ކުޅުނު މެޗެއްގައި ރާއްޖެއަށްވެސް އައިން. ވެލެންސިއާވެސް އޭރު މޮޅުވާނެ. ނިއުއަކީ އޭރުވެސް އެންމެ ވަރުގަދަ އެއްޓީމު. ރާއްޖޭގެ ފުޓުބޯޅަ އޭރުވެސް އަހަރެން ފޮލޯކުރަން،" ސަންތޯޝް އޭނާ ކުޅުންތެރިއެއްގެ ގޮތުގައި ރާއްޖޭގައި ކުރި ތަޖުރިބާއެއް ހިއްސާކުރިއެވެ.
މިއަދުގެ މެޗާ ގުޅިގެން ސަންތޯޝް ބުނީ އޭއެފްސީން އެޓީމުގެ ފުރަތަމަ މެޗު ފަސްކުރުމުން ފައިދާތަކެއް ވި ކަމަށާއި އޭނާއަށް ޓީމާއެކު މަސައްކަތް ކުރަން އިތުރު ވަގުތުތަކެއް ލިބުނު ކަމަށެވެ.
"އިންޑިއާގެ ސުޕަރލީގު ސެމީގައި ބެންގަލޫރު އެފްސީން ކުޅެން ޖެހުމުން އޭއެފްސީ ކަޕްގައި ކުޅެން އޮތް މެޗު ކެންސަލްވުމުން ވަރަށް ބޮޑު ފައިދާއެއް ލިބިއްޖެ. ޓީމު މިހާރު އޮތީ ވަރަށް ރަނގަޅަށް ރެސްޓް ކުރެވިފައި. މިއީ މުޅިން އާޓީމެއް. އަހަރެން ހަވާލުވިތާ އަދިވީ އެންމެ މަހެއް. ޓީމު ދަސްކުރަން ލިބުނު ވަގުތު ވަރަށް ކުޑަ،" ސަންތޯޝް ބުންޏެވެ.
އައިޒޯލަށް ނިމިދިޔަ އައިލީގަކީ އޭގެ ކުރީ މުބާރާތް ފަދަ މުބާރާތަކަށް ނުވިއެވެ. ސީޒަންގެ ކުރީ ކޮޅުގައި ރެލިގޭޝަން ޒޯންގައި އައިޒޯލް އޮތްއިރު، ސީޒަން ނިންމާލީ ފަސްވަނައިގައެވެ.

އައިލީގުގައި އައިޒޯލް ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ އައިލީގު
"މި ސީޒަންގައި އައިލީގު މެޗުތައް ވަރަށް ކައިރިކައިރިން ކުޅެ ސީޒަން ނިންމާލީ ފަސްވަނައިގައި. ފުރަތަމަ ރެލިގޭޝަންގައި ޓީމު އޮތް ނަމަވެސް ފަހުން ކުޅުންތެރިންގެ ބުރަ މަސައްކަތުން އެހާ ހިސާބަށް ދެވުނީ. މިދިޔަ ސީޒަންގައި ލީގު ހޯދުމަކީ ނަސީބާވެސް އެކުވި ކަމެއް. އެކަމަކު ފުޓުބޯޅައިގައި އެކަހަލަ ނަސީބު އެއީ އަބަދުވެސް ބޭނުންވާނެ އެއްޗެއް. ކިތަންމެ މޮޅު ޓީމެއް ތަށި ނެގިއަސް ނަސީބު ބޭނުންވާނެ،" ސަންތޯޝް ބުންޏެވެ.
ސަންތޯޝް ބުނީ ގްރޫޕްގެ ޓީމުތަކަށް ބަލައި އޭނާ ނަގާނެ ފެވަރިޓުންނަކީ ބެންގަލޫރު އެފްސީ ކަމަށެވެ. އަދި ސަންތޯޝްގެ ވާހަކަތަކުން އައިޒޯލުން އޭއެފްސީ ކަޕަށް މާބޮޑަށް ނު ވިސްނާކަމުގެ އިޝާރާތެއް ދީފައިވެއެވެ.
"ގްރޫޕްގެ ފެވަރިޓުންނަކީ ބެންގަލޫރު އެފްސީ. އެކަމަކު ހުރިހާ ގައުމެއްގެވެސް ޗެމްޕިއަނުން މި ވާދަކުރަނީ. އެހެންވީމާ ރަނގަޅު ފައިޓެެއް ދެވޭނެ ބެންގަލޫރު އެފްސީއަށް. އައިޒޯލުންވެސް ދޭނެ 100 ޕަސެންޓް. ފަސޭހަ ނުވާނެ ޗެމްޕިއަން،" ސަންތޯޝް ބުންޏެވެ.
އިންޑިއާ ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި އައިޒޯލް މި ސީޒަންގައި ފުރަތަމަ ކުޅެފައިވަނީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ ކޮލިފިކޭޝަނެވެ. އެ މެޗުގައި އައިޒޯލުން ބަލިވީ 3-1 ގެ ނަތީޖާއަކުން އިރާންގެ ޒޮބަހާން އެސްފަހަން އަތުންނެވެ.
ސަންތޯޝް ބުނީ މިއަދުގެ މެޗުުގައި ކުރިމަތިލާ ދެ ކޯޗުންނަވެސް އެކަކު އަނެކަކުގެ ސްޓައިލް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ތަފާތު ދައްކާނީ ކުޅުންތެރިން ކަމަށެވެ.
"އޮސްކާއެކުވެސް ބައެއް ކަންކަމުގައި މަސަައްކަތް ކުރެވިފައި އެބަހުުރި، އޭނާ އިންޑިއާގައި ކޯޗުކަން ކުރި ދުވަސްވަރު. އޭނާގެ ޓެކްޓިކްސް އެނގޭނެ. އޭނާއަށް އަހަރެންގެ ސްޓައިލްވެސް އެނގޭނެ. ކުޅުންތެރިން ތަފާތު ދައްކާނީ. އެނގުނު ހުރިހާ އެއްޗެއް ބުނެދޭނަން ކުޅުންތެރިންނަށް،" ސަންތޯޝް ފާހަގަކުރިއެވެ.
ސަންތޯޝް ބުނީ ނިއުގައި ކިތަންމެ ވަރުގަދަ އިންޑިވިޖުއަލް ކުޅުންތެރިންނެއް ތިބި ނަމަވެސް ފުޓުބޯޅައިގައި އޭނާ ގެންގުޅޭ އުސޫލު ބަދަލު ނުކުރާނެ ކަމަށެވެ.
"އަހަރެންގެ ފިލޯސޮފީއަކީ ވަކިވަކި ކުޅުންތެރިންނަށް ފޯކަސް ކުރުމެއް ނޫން. މުޅި ޓީމަށް ފޯކަސްކަސް ކުރާނީ އެ ވިސްނުމުގައި. މުޅި ޓީމަށް ފޯކަސް ކުރާނީ،" ސަންތޯޝް ފާހަގަކުރިއެވެ.
ނިއުއާއި އައިޒޯލް ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައި ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.