13 Mar 2018, 20:01
އިބްރާހީމް ފުރުގާން (ފުގޭ)ގެ ހެޓްރިކާއެކު އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި އަލިފުށިން ކުޅުނު ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދައިފިއެވެ.
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ރ. އަތޮޅު ބުރުގައި ވާދަކުރަނީ ހަތަރު ޓީމެެވެ. އެއީ މުބާރާތް ބާއްވާ ރަށް، މީދުއާއި އަލިފުށީގެ އިތުރުން އުނގޫފާރާއި އިންނަމާދުއެވެ.
ރ. އަތޮޅު ބުރު ފުރަތަމަ އަލިފުށީގައި ބާއްވާ ގޮތަށް އެފްއޭއެމުން ނިންމި ނަމަވެސް ފަހުން ވަނީ މީދުއަށް ބަދަލުކޮށްފައެވެ. ރ. އަތޮޅު ބުރުގެ ކުޅުން އިއްޔެ ފަށައިފައިވަނީ މީދުއާއި އުނގޫފާރު ވާދަކުރި މެޗުންނެވެ. އެ މެޗު މީދޫން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މިއަދު ކުޅުނު މެޗުގައި އަލިފުށިން އިންނަމާދޫގެ މައްޗަށް ކުރިހޯދީ 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ 12 ވަނަ މިނެޓުގައި މުހައްމަދު އައްބާސްގެ ގޯލުން އަލިފުށި ވަނީ ލީޑު ނަގައިފައެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ފުގޭގެ ގޯލާއެކު އަލިފުށިން މެޗުގެ ލީޑު ފުޅާކުރިއެވެ.
ހާފް ނިމުމުގެ ކުރިން މެޗުގެ 30 ވަނަ މިނެޓުގައި ފުގޭގެ ދެވަނަ ގޯލާއެކު އަލިފުށިން މެޗުގެ ނަތީޖާ 3-0 އަކަށް ބަދަލުކޮށްލިއެވެ.
އިންނަމާދޫން މެޗުގައި ޖެހި ހަމައެކަނި ގޯލް އެޓީމުން ކާމިޔާބުކުރީ މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ. އިންނަމާދޫގެ ޕެނެލްޓީ އަލިފުށީ ކީޕަރު، މުހައްމަދު ފަސީހު ދިފާއުކުރި ނަމަވެސް ރީބައުންސް ބޯޅަ، އަލީ އަޔާޒްވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ.
ފުގޭ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 83 ވަނަ މިނެޓުގައި ޖެހި ގޯލާއެކުގައެވެ. މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އިންނަމާދޫގެ އަހުމަދު ރުޒާނަށްވަނީ ރަތް ކާޑެއްވެސް ދައްކައިފައެވެ.
މިއަހަރު އަލިފުށީ ޓީމުގެ ކޯޗަކީ ރާއްޖޭގައި މަޝްހޫރު ކޯޗު، ހަމްދުﷲ ފެނާންޑޯއެވެ.