14 Mar 2018, 08:53
މޫސުމަށް އަންނަ ބަދަލާ ހެދި އެހެން ގައުމަކަށް ދިވެހީން ހިޖުރަ ނުކުރާނެ ކަމަށް އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ބޭރުގެ ނޫސްވެރިންނަށް ޚާއްސަކޮށްގެން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޠާރިޤު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލާ ގުޅިގެން ރާއްޖެ އަޑިއަށް ދާނެ ކަމަށްބަލައި އެކަމަށް ހާއްސަ ފަންޑެއް ކަނޑައަޅައި އެ މަސަައްކަތްކުރަމުން މިހާރު ނުގެންދާ ކަމަށެވެ.
" އެއީ ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު. ނަމަވެސް މިހާރުގެ ސަރުކާރުގައި އެކަހަލަ ވިސްނުމެއް ނެތް. ރާއްޖޭގެ އިންފްރާސްޓަކްޗާ މަސައްކަތްތައް ކުރިއަށް ގެންދާއިރު، ހުޅުމާލެ އަދި މިހާރު މާލޭގެ އިރުމަތީ ސަރަހައްދަށް ވަޑައިއިގަތީމަ ފެނިލައްވާނެ މޫސުމަށް އަންނަ ބަދަލާ ބެހޭގޮތުން އަޅުގަނޑުމެން ހޭނެން މަސައްކަތްކުރާވަރު. ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމަށްޓަކައި އަޅުގަނޑުމެން މިދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން،" ޠާރިޤު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދިވެހި ރައްޔިތުން އެހެން ގައުމަކުން ބިންގަނެ އެ ގައުމެއްގައި ވަަޒަންވެރިވެރިކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އަދި އަމާޒަކީ މޫސުމީ ބަދަލުތަކަށް ވީހާވެސް ފުރިހަމަގޮތަކަށް ހޭނުން ކަމަށެވެ. އަދި މިހާރު ރަށްތައް ބިނާކުރާއިރު ރައްކާތެރިކަމަށް ވިސްނައިގެން ސިޓީތައް ހަދަމުންދާ ކަަމަށާއި އަދި ހުޅުމާލެއިން އެކަން ރަނގަޅަށް ފެންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝިީދު 2012 ވަނަ އަހަރު އޮސްޓްރޭލިޔާގެ ސިޑްނީ މޯނިން ހެރޭލްޑް އަށް ދެއްވި އިންޓައިއުއެއްގައި ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުންނަށް ރާއްޖޭގައި ދިރިނުއުޅެވޭނެ ހާލަތަކަށް ހިނގައްޖެނަމަ އޮސްޓްރޭލިއާ، އިންޑިއާ އަދި ސްރީލަންކާގައިވެސް ރާއްޖޭގެ ރައްޔިތުން ވަޒަންވެރިވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ރާއްޖޭގެ ރައްޔިތުން އެހެން ގައުމަކުން ބިންގަތުމަށް ވަކި ފަންޑެއް ގާއިމުކުރައްވާނެ ކަމަށް ވެސް އޭރު ރައީސް ނަޝީދު ވިދާޅުވިއެވެ.