24 Aug 2011, 15:37
ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ މަސައްކަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރަމުން ގެންދާ ބައެއް މަސައްކަތްތައް ފުށުއަރާ ކަމަށް އޭސީސީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޖަވާބު ދާރީވެ ވަޑައިގަންނަވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ، ދެ ފަރާތުގެ މަސައްކަތް ފުށު އަރާތީ އޭސީސީން މައްސަލައެއް ބަލަމުން ގެންދާ ނަމަ އެ މައްސަލައަކީ ރިޔާސީ ކޮމިޝަނުން ކުރިއަށްގެންދާ މައްސަލައެއްތޯ ބައްލަވާ ކަމަށެވެ. އަދި އޭސީން އެފަދަ މައްސަލައެއް ބައްލަވަމުން ގެންދަވަނީ، ރިޔާސީ ކޮމިޝަނާ ރިޕީޓްނުވާ ގޮތެއްގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭސީސީގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ރިޔާސީ ކޮމިޝަނުން ނިންމާ މައްސަލަތައް އޭސީސީއަށް ހުށަހަޅާ ކަމަށެވެ. އަދި އެގޮތުން މިހާތަނަށް ދެ މައްސަލައެއްގެ ރިޕޯޓް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ފަރާތުން ހުށަހަޅާ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ރިޔާސީ ކޮމިޝަންގެ ނިންމުންތަކަށް ނުބައްލަވާ ކަމަށާއި އެފަދަ ރިޕޯޓަގާ ގުޅިގެން އޭސީސީން އިތުރަށް ހޯދަން ބޭނުންވާ މައުލޫމާތެއް ހޯއްދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވީ، އޭސީސީން ބަލާ މައްސަލަތައް ތަހްގީގު ކުރުމަށް ޓަކައި ފުލުންނާ އެކު އޭސީސީން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ތެރޭގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލައެއް އެ ކޮމިޝަނުން މިހާރު ވެސް ބަލަމުންގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ބެލުމުގައި ފުލުހުންގެ އެއްބާރުލުން ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.