13 Mar 2018, 17:50
ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރާއްޖެއިން ބޭރުގެ ނޫސްވެރިންނަށް ޚާއްސަކޮށްގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާނުކުރީ ފެބްރުއަރީ ފަސްވަނަ ދުވަހު، 15 ދުވަހުގެ މުއްދަތަކަށެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް، ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިތުރު 30 ދުވަހަށް އިތުރުކޮށް، ޖުމްލަ 45 ދުވަސް ކަމުގައި ހަމަޖައްސައިފައެވެ.
އާޒިމާ ވިދާޅުވީ މަޖިލީހުން އިތުރުކޮށްދިން މުއްދަތުގެ ދަށުން، ކުއްލި ނުރައްކަލުގެ ހާލަތުގައި 10 ދުވަސް އަދިވެސް އެބަ އޮތް ކަމަށެވެ. އަދި އެ މުއްދަތު ނިމޭނީ މި މަހުގެ 22 ވަނަ ދުވަހަށް ކަމަށް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ހިނގާނީ ފެބްރުއަރީ އެއްވަނަ ދުވަހު ހިނގައިދިޔަ ކަންކަމުގައި މައްސަލައިގައި ހައްޔަރުކޮށް، ތަހުގީގު ހިނގަމުންދާ މީހުންނަށް އެކަނި ކަމަށެވެ.
"ތިޔަބޭފުޅުންނަށް މިއަދު ފެނިފައިވާނެ ރާއްޖޭގައި ދިރިއުޅުން އޮތީ އާންމު ހާލަތެއްގައިކަން. އެއްވެސް ސްކޫލެއް، ފިހާރައެއް ބަންދެއް ނުކުރޭ. އޮފީސްތަކާއި ވިޔަފާރިތައް ހުޅުވައި، ހިނގަމުން ދަނީ،" ބޭރުގެ ނޫސްވެރިންނަށް އާޒިމާ ވިދާޅުވިއެވެ.
ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލައިގައި، ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހިމެނެއެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް ރައީސް މައުމޫން ރިޝްވަތު ދެއްވިކަމުގެ ހެކި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.