13 Mar 2018, 15:51
ރާއްޖޭގައި ރިސޯޓު ހިންގާ ފަރާތްތަކުގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ވެސް ހިމެނޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިހާރު ރާއްޖެ އައިސްގެން އުޅޭ އިންޑިއާގެ ނޫސްވެރިންތަކަކަށް ޚާއްސަކޮށްގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު ހުރިހާ ގައުމަކަށް ވެސް އޮތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ލެވެލްގައި ރާއްޖެ އިން މީގެ ކުރިން ޓޫރިޒަމް އިންވެސްޓްމެންޓް ހޯދުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން، ދިއްލީގައި ހުންނަ ދިވެހި ސަފީރާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މެދުވެރިކޮށް، ރިސޯޓު ތަރައްގީކުރާ ރަށްރަށުގެ މައުލޫމާތު ވާނީ ހިއްސާކޮށް، އިންޑިއާ އިން އިންވެސްޓްމެންޓް ހޯދުމުގެ މަސައްކަތް ކޮށްފައި،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2016 ވަނަ އަހަރު އިންޑިއާގެ އޮބެރޯއި ގްރޫޕުން ރާއްޖޭގައި ރިސޯޓު ހެދުމަށް ރަށެއް ދީފައި ވެސް ވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް ޒަމީރު ވިދާޅެއް ނުވެ އެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ ބޮލީވުޑް ތަރިން ވެސް ރިސޯޓު ހިންގަމުންދާ ކަމަށެވެ.
"ރާއްޖޭގައި އެބަހުރި ބޮލީވުޑްގެ ތަރިންގެ ރިސޯޓުތައް. އެކަމަކު އެމީހުން އާންމު ތަންތަނަށް ނުބުނެދާނެ ރާއްޖޭގައި ތިމަންނާގެ ރިސޯޓެއް އޮންނާނެއޭ،"
"ސަން"އަށް އެނގިފައިވާ ގޮތުގައި، ބޮލީވުޑްގެ މަޝްހޫރު އަންހެން ތަރިއެއްގެ މަސްލަހަތު އޮންނަ ގޮތަށް، ރ. އަތޮޅުގައި ދަނީ ރިސޯޓެއް ތަރައްގީކުރަމުންނެވެ.
މި އަހަރުގެ ތެރޭގައި ރާއްޖޭގައި 10 އަކަށް ވުރެ ގިނަ ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވެ އެވެ.