24 Aug 2011, 15:31
އެފްއޭއެމް އިން އިންތިޒާމްކޮށްގެން މިރަމަޟާން މަހު ކުރިއަށްގެންދާ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗް ކާމިޔާބުކޮށް ނިއު ރޭޑިއަޓް ސްޕޯޓްސް ކުލަބް ސެމީ ފައިނަލުން ޖާގައެއް ހޯދައިފި އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗް ކާމިޔާބުކޮށް ނިއު ސެމީފައިނަލަށް ދަތުރުކުރީ ވާދަވެރި ވީބީ ސްޕޯޓްސް ކުލަބާއި ބައްދަލުކޮށް 2-0 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
އިއްޔެގެ މެޗްގައި ނިއު އިން ޖެހި އެޓީމްގެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ މެޗްގެ ފުރަތަމަ ހާފުގައި އަހުމަދު ނާޝިދު )ނާދު( އެވެ. އަދި މެޗުން ބަލިވި ވީބީ ވަނީ މުބާރާތުން ކަޓާފަ އެވެ.
މީގެއިތުރުން އިއްޔެ މި ދެޓީމް ބައްދަލުކުރި މެޗްގެ ފަހު މިނެޓްކޮޅުގައި ޖެހުނު މައްސަލައެއްގެ ސަބަބުން ދެ ޓީމުން ވަނީ މާރާމާރިއެއް ހިންގާފަ އެވެ. އެގޮތުން އެމާރާމާރި މެދުވެރިވާންޖެހުނީ މެޗްގެ އިތުރު ވަގުތު ނިއުގެ ކުޅުން ތެރިއަކަށް ވީބީގެ އަބްދުﷲ ނަސީރު ހުރަސް އަޅައި ވައްޓާލުމުން ރައްދުގައި ނަސީރުގެ މޫނުމަތީގައި އާންސީ ކޮޅުފައިން ޖެހުމުންނެވެ.
މުބާރަތުގެ ދެ ވަނަ ބުރުގެ ކުޅުން ނިމުމުނު އިރު، ސެމީން ޖާގަ ހޯދާފައިވާ އެއް ވަނަ ޓީމަކީ ހަތް ޕޮއިންޓާ އެކު އޮތް ވިކްޓަރީ އެވެ. ދެ ވަނަ ޓީމުގެ ގޮތުގައި އޮތް ވެލެންސިއާ އަށް ވެސް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ހަ ޕޮއިންޓާ އެކު ތިން ވަނާގައި އޮތީ ނިއު އެވެ. އަދި ފަސް ޕޮއިންޓާ އެކު ހަތަރު ވަނާގައި އޮތީ މާޒިޔާ އެވެ.
މިމުބާރާތުގެ ސެމީ ފައިނަލް މެޗްތައް މާދަމާ ފަށާއިރު، ފުރަތަމަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ވިކްޓަރީ އާއި ވެލެންސިއާ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ސީދާ ޖާގައެއް ލިބޭނެ އެވެ. އެ މެޗުން ބަލިވާ ޓީމެއް ޖެހޭނީ ސެމީގެ ދެ ވަނަ މެޗުގައި ހުކުރުދުވަހު ނިއު އާއި މާޒިޔާ ކުޅެ މޮޅުވާ ޓީމަކާ އެކު ހޮނިހިރުދުވަހު ތިން ވަނަ ސެމީ ކުޅޭށެވެ.
މުބާރަތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ.