13 Mar 2018, 15:55
ރަޝިއާގެ މޮސްކޯގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ "މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓުއަރިޒަމް" އެމްއައިިޓީޓީގައި އެމްއެމްޕީއާރްސީ އިން ބައިވެރިވެއްޖެ އެވެ.
މިއަދުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްދާ އެ ފެއާގައި ރާއްޖޭގެ 28 ކުންފުންޏަކުން 55 މަންދޫބުން ބައިވެރިވެ އެވެ. މިއީ ރަޝިއާގައި ބާއްވާ އެންމެ ބޮޑު، އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ ޓޫރިޒަމް ފެއާ އެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މި ފެއާ ކުރިއަށްދާ ތިން ދުވަހު ރާއްޖެ އިޝްތިހާރުކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ޓްރެވަލް އެންޓް ޓްރޭޑް ޕާޓްނަރުންނާއި ޓުއާ އޮޕަރޭޓަރުން އަދި މީޑިއާ އާ ބައްދަލުކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެ އެވެ.
މިއީ އެމްއައިޓީޓީ ފެއާ ބާއްވާ 25 ވަނަ އަހަރެވެ. ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މި ފެއާ އަކީ ދުނިޔޭގެ އެންމެ ބޮޑެތި ޓްރެވަލް ފެއާތަކުގެ ލިސްޓުގައި ހިމެނޭ ފެއާއެކެވެ.
ރަޝިއާ އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކުރާ އެއް މާކެޓެވެ. ހުސްވި އަހަރު އެގައުމުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 61،931 އަށް އަރަ އެވެ.
އެމްއެމްޕީއާރްސީ އިން ވަނީ މިދިޔަ ހަފުތާގައި ޖަރުމަނުގައި ބޭއްވި އައިޓީބީފެއާގައި ވެސް ބައިވެރިވެފަ އެވެ.