14 Mar 2018, 09:26
އިނގިރޭސިވިލާތް، ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކިވުމުން ނުވަތަ "ބްރެކްޒިޓް"ގެ ސަބަބުން ޔޫރަޕްގެ ފަސް އިންޑަސްޓްރީއަކަަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށް ރިޕޯޓެއް ބުނެފި އެވެ.
ޔޫރަޕްގެ ކޮންސަލްޓަންސީ ފާމެއް ކަމަށްވާ އޮލިވާ ވީމަން އަދި ލޯ ފާމް ކްލިފޯޑް ޗާންސް އިން ނެރުނު ރިޕޯޓެއްގައި ބުނީ ބްރެކްޒިޓްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނީ ފައިނޭންޝިއަލް އާއި ދަނޑުވެރިކަމާއި އަދި ކާބޯތަކެތީގެ އިންޑަސްޓްރީގެ އިތުރުން އޮޓޮމޯޓިވް އަދި ކެމިކަލް އާއި ޕްލާސްޓިކް އިންޑަސްޓްރީއަށް ކަމަށެވެ.
އެ ރިޕޯޓުގައި ބުނީ ބްރެކްޒިޓްގެ ސަބަބުން ޓެރިފާއި އަދި އެހެނިހެން ގޮތްގޮތުން ލިބޭ ލުއިތަތަކަށް އަންނަ ބަދަލުގެ ސަބަބުން އިޔޫއިން މުދާ އެކްސްޕޯޓްކުރާ ކުންފުނިތަކަށް އަހަރަކު 31 ބިލިއަން ޕައުންޑްގެ ގެއްލުން ލިބޭނެ ކަމަށެވެ. އަދި އިިނގިރޭސިވިލާތުން މުދާ އެކްސްޕޯޓް ކުރާ ކުންފުނިތަކަށް އަހަރަކަށް 27 ބިލިއަން ޕައުންޑްގެ ގެއްލުން ލިބޭނެ ކަމަށެވެ.
އޮލިވާ ވީމަންގެ ޕާޓްނަރު ކުމާރު އިޔާރު ވިދާޅުވީ ބްރެކްޒިޓްގެ ސަބަބުން ލިބޭނެ ގެއްލުންތައް ކުޑަކުރުމަށް ބޮޑެތި ކުންފުނިތަކުން ދުރާލާ މަސައްކަތް ފެށި ކަމުގައި ވިޔަސް ކުދިކުދި ކުންފުނިތަކުން އޮތީ ތައްޔާރުނުވެ ކަމަށެވެ. އަދި ކުދި ކުންފުނިތައް އީޔޫ ނޫން ގައުމުތަކާ ވިޔަފާރިކުރުމުގައި މާބޮޑު ތަޖުރިބާއެއް ނެތުމުން އެކަމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ދިމާވެފައިވާ ކަމަށް ވެސް އިޔާރު ވިދާޅުވި އެވެ.
ބްރެކްޒިޓްގެ ސަބަބުން 65،000 ކުންފުންޏަކަށް އޭގެ އަސަރުކުރާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
މަސްދަރު: ފައިނޭންޝިއަލް ޓައިމްސް