ލޯކަލް ގަވަމަންޓް އޮތޯރިޓީ )އެލްޖީއޭ( ބޯޑަށް މަދަނީ ޖަމިއްޔާތަކުގެ ފަރާތުން މަޝްހޫރު ފިލްމީ ބަތަލާ ނިއުމާ މުހައްމަދު އާއި މަޝްހޫރު ފިލްމީ ޑައިރެކްޓާ ފާތުމަތު ނަހުލާ ކުރިމަތިލައިފި އެވެ.

ކައުންސިލްތަކުގެ މަސައްކަތައް ގާނޫނީ އިމުގެ ތެރެއިން ހިނގާތޯ ބަލައި ފާރަވެރިވާ އެލްޖީއޭ ބޯޑަށް ނަހުލާ ކުރިމަތިލީ ފިލްމީ ދާއިރާއަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ފަރާތުންނެވެ. އަދި ނިއުމާ އެ ބޯޑަށް ކުރިމަތިލީ ފިލްމި އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުންނެވެ. މަދަނީ ޖަމިއްޔާތަކުގެ ފަރާތުން އެލްޖީއޭ ބޯޑަށް ކުރިމަތިލީ މީހުންނާ ގައުމީ ސަލަމާތުގެ ކޮމެޓީ މި ހަފްތާގައި ވަނީ އިންޓަވިއުކޮށްފަ އެވެ. ނިއުމާ އާއި ނަހުލާއާ ރޭ ވަނީ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ލާމާރުކަޒީ ގާނޫގެ 62 މާއްދާގެ )ހ( މަދަނީ ޖަމިއްޔާތަކުގެ ފަރާތުން މީހަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ރޭގެ ކޮމެޓީގައި ނިއުމާ ބުނެފައި ވަނީ އެލްޖީއޭ ބޯޑަށް ހޮވިއްޖެ ނަމަ ސީޔާސީ ގޮތުން ވަކި ފިކުރަކަށް ތަބާނުވާނެ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި އެކަން ދައްކާނެ ކަމަށް ނިއުމާ ބުންޏެވެ. އަދި ބުނީ މީގެ ކުރިން ވެސް "ސިޔާސީ އެއްވެސް ރެލީއެއްގައި ބައިވެރިވެފައި ނުވާނެ" ކަމަށެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މައުމޫންނަށް ކެމްޕެއިން ކުރުމަށް ބޭއްވި ބޮޑެތި ރެލީތަކުގައި ނިއުމާ ވަނީ ބައިވެރިވެފަ އެވެ.

ރޭގެ އިންޓަވިއުގައި ކޮމެޓީގެ މެންބަރު ވަނީ ނަހުލާއަށް ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ. އެ ގޮތުން ލާމަރުކަޒީ ގާނޫނުގެ މާއްދާތަކާ ބެހޭ ގޮތުން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވަނީ ސުވާލު ކުރައްވާފަ އެވެ. ނަހުލާ ވަނީ އެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ. ސިޔާސީ އެއްވެސް ޕާޓީއެއްގައި ހިމެނިފައި ވާނެތޯ ސުވާލު ދެންނެވުމުން ނަހުލާ ވިދާޅުވީ ޑީއާރްޕީއަށް ސޮއިކޮށްފައިވާނެ ކަމަށާއި އެ ކޮމެޓީން އެދިއްޖެ ނަމަ ޕާޓިން ވަކިވެވަޑައިގަންނަވާނެ ކަމަށެވެ.

މަދަނީ ޖަމިއްޔާތަކުގެ ފަރާތުން އެލްޖީއޭ ބޯޑަށް މީހަކު ހޮވުމުގައި ކޮމެޓީން ބަލަނީ މަސައްކަތުގެ ދާއިރާ އިން ތައުލީމް ހާސިލްކޮށްފައިވާ މިންވަރަށާއި އެމީހެއްގެ އިސްނެގުމަށާއި ގާބިލްކަމަށް ބެލުމަށް ފަހު އެވެ. ނިއުމާ އާއި ނަހުލާ ސިޔާސީ މަގާމަކަށް ކުރިމަތިލާފައިވާ އިރު، ފިލްމީ ދާއިރާގެ ފަންނާނުން މިހާރު ވެސް ސިޔާސީ ބޮޑެތި މަގާމުތައް ފުރުއްވަމުން އެބަ ގެންދަވަ އެވެ. އެ ގޮތުން ކުރީގެ ފިލްމީ ތަރި ރީކޯ މޫސާ މަނިކު މަޖިލީހުގެ ގޮނޑިއެއް ފުރުއްވަމުންދާއިރު، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުންގައި ހުންނެވީ ވެސް އޭނާ އެވެ. އަދި މާލޭ ސިޓީގެ ދެ މެންބަރުން ކަމަށްވާ ޖަންބު ހަސަން އަފީފު )ޖަންބު ހަސަން( އާއި ލުފްޝާން ޝަކީބު )ލޫއްޕެ( ފިލްމީ ތަރިންނެވެ.

ކައުންސިލްތައް މައްސޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުމަށް ނުކުޅެދިއްޖެ ނަމަ އެ ކައުންސިލެއް ރޫޅާލުމަށް ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ގާނޫނީ ބާރު ލިބިފައިވާ އެލްޖީއޭ ބޯޑަށް މަދަނީ ޖަމިއްޔާތަކުގެ ފަރާތުން 18 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު ނަން އަނބުރާ ގެންދެވި އެވެ. ނަން އަނބުރާ ގެންދެވި ބޭފުޅުންގެ ތެރޭގައި މީޑިއާ ކައުންސިލްގައި ހިމެނޭ މެންބަރު މުހައްމަދު ހަލީމް ހިމެނެ އެވެ. އަދި ބަލި ހާލަތު ހުރި ގޮތުން އެކަކު އިންޓަވިއުއަށް ހާޒިރެއް ނުވެ އެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ރިޔާސަތު ބެލެހެއްޓެވި ގައުމީ ސަލާމަތުގެ ކޮމެޓީން ނިންމާފައި ވަނީ މި އަހަރުގެ ދެ ވަނަ ދައުރުގެ ނިމުމުގެ ކުރިން އެލްޖީއޭއަށް ޖަމިއްޔާތަކުން މީހަކު ހޮވުމަށެވެ.