13 Mar 2018, 13:17
އާދިއްތަ ދުވަހު ހެނދުނު މ. ވީނަސް ގޭ ފަސް ވަނަ ބުރިން ވެއްޓި މަރުވި ޒުވާނާއާ އެކު އެއްކޮޓަރީގައި އުޅުނު ތިން މީހުން އަދި ވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަން "ސަން"އަށް އެނގިއްޖެ އެވެ.
އާދިއްތަ ދުވަހުގެ ހައެއް ޖަހާކަން ހާއިރު މ. ވީނަސް ގޭ ފަސް ވަނަ ބުރިން ވެއްޓި މަރުވެފައި ވަނީ ގ. މެޑޯ އުމުރުން 22 އަހަރުގެ އަހުމަދު އިޔާޝް އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދެ އަންހެނަކާއި އެއް ފިރިހެނެކެވެ. އެ ތިން މީހުން ވެސް މ. ވީނަސް ގެއިން ނެރެގެން ފުލުހުންގެ ވެހިކަލުގައި ގެންދިޔަ މަންޒަރު ބައެއް މީހުންނަށް ވަނީ ފެނިފަ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ތިން މީހުން ވެސް ހައްޔަރުގައި ތިބީ ބަނގުރަލާ ގުޅޭ މައްސަލައެއްގަ އެވެ. އަދި މ. ވީނަސްގޭގެ ފަސްވަނަ ފަންގިފިލާގައި އެ މީހުން ތިބި ކޮޓަރިން ބަނގުރާ ފުޅިތަކެއް ފުލުހުން ހޯދާފައިވާކަން "ސަން"އަށް ވަނީ އެނގިފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ.
އެނގިފައިވާ ގޮތުގައި މ. ސޮނީ ހާޑުވެއާ ހިންގާ އެ އިމާރާތުގެ ފަސް ވަނަ ބުރިއަކީ ގެސްޓްހައުސްއެއްގެ ގޮތުގައި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ތަނެކެވެ. އަދި މަރުވި ޒުވާނާއާ އެކު އެ ކޮޓަރީގައި ތިން މީހަކު އުޅެމުން ދިޔަ އިރު އެ މީހުންގެ މެދުގައި މައްސަލަތަކެއް ޖެހި ހަމަނުޖެހުން ހިނގާފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.