24 Aug 2011, 14:49
ދިވެހި ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށް ހުޅުވާލައިގެން ޤްރުއާން މުބާރާތެއް ބާއްވައިފި އެވެ.
ސިފައިންގެ ކުލަބުން އިންތިޒާމްކޮށްގެން "ދިވެހި ޢަސްކަރިއްޔާގެ ޤުރުއާން މުބާރާތު"ގެ ނަމުގައި ރޯދަ މަހަށް ހާއްސަކޮށްގެން ބޭއްވި މި ޤުރުއާން މުބާރާތުގައި ސިފައިންގެ ހަތް މީހަކާއި ސިފައިންގެ އާއިލާތަކުން 21 ފަރާތެއް ބައިވެރިވި ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް( އެމްއެންޑީއެފް) އިން ބުންޏެވެ. އެމުބާރާތް ކުރިއަށް ދިޔައީ ކަޅުތުއްކަލާ ކޮށީގެ މަލްޓިޕާޕާސް ހޯލްގަ އެވެ.
މުޅި މުބާރާތުން އެއް ވަނަ އަށް އަންނަ ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމުރާދަތުރެއް ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބަލައިގެން ކިއުމާއި ހިތުން ކިޔެވުމުގެ ބައި ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ ނުވަ އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 20 އަހަރުން ދަށާއި 20 އަހަރުން މައްޗެވެ.
ސިފައިންގެ ޤުރުއާން މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލުގައި ހިމެނިވަޑައިގަންނަވަނީ ކުއްލިއްޔަތުލް ދިރާސަތުލް އިސްލާމިއްޔާގެ ޤާރީއަކާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ޤާރީއެއްގެ އިތުރުން ސިފައިންގެ ޤާރީއެއް ހިމެނެ އެވެ.
އެމްއެންޑީއެފުން ބުނީ މިމުބާރާތް ބޭއްވުމުގެ މަގުސަދަކީ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ބޭފުޅުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރުކޮށް ޤުރުއާނަށް އަހުލުވެރިކުރުން ކަމަށެވެ.