13 Mar 2018, 11:29
ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ ވަކާލާތު ކުރުމުގެ ހުއްދަ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ސަސްޕެންޑް ކޮށްފި އެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އަލީ ހުސައިން ސަސްޕެންޑް ކޮށް ނެރުނު އިއުލާނުގައި ބުނެފައިވަނީ އޭާ ސަސްޕެންޑް ކުރީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް ވާހަަދައްކާފައިވާ މައްސަލައެއް ތަހުގީގު ކުރަމުން ދާތީ އެމައްސަލަ ނިމެންދެން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކާ މެދު އަލީ ހުސައިން ސުވާލު އުފައްދާފައި ވާތީ އެކަމާ އޭނާއާ ސުވާލުކޮށްފައިވާނެ ކަަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފައެވެ.
" އެވާހަަކަތަކަކީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހެ ގަވާއިދުގެ ހަތަރުވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރާއި ހަތަރުވަނަ ނަމްބަރާއި ހަވަނަ ނަމްބަރު އަދި އަށްވަނަ ނަމްބަރާއި ހިލާފު ވާހަކަތަކެއް ކަމަށް ބެލެވޭތީ އެމައްސަލަ ތަހުގީގު ކުރައްވައި ވަކި ގޮތެއް ކަނޑައަޅުއްވަންދެން،" އިއުލާނުގައި ބުނެފައިވެ އެވެ.
އަލީ ހުސައިނަށް ވަކާލާތު ކުރުން ވަގުތީ ގޮތުން މަނާ ކޮށްފައިވަނީ ކޯޓުތަކާއި ޓްރިބިއުނަލުގައެވެ. އެކަން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
އަލީ ހުސައިން އަދި ގާނޫނީ ވަކީލު ހުސައިން ޝަމީމް މިމަހުގެ ހަތަރު ވަނަ ދުވަހު ވަނީ ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެމައްސަލައިގައި ސުވާލު ކޮށްފައެވެ.
އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުން އޭނާއާ ސުވާލު ކުރީ ރައްޔިތުންގެ ކުރިމަތީގައި ސުޕްރީމް ކޯޓުގެ އަގު ވެއްޓޭ ފަދަ ވާހަކަތަކެއް ދެއްކި ކަމަށް ބުނެ ކަމަށެވެ. އަދި "އެފަދަ ވާހަކައެއް ދައްކާފައި ނޯންނާނެ ކަމަށް ބުނިން" ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
"އެބޭފުޅުން ވިދާޅުވި ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގެ ފަހުން ނެރުއްވި ހުކުމް ތަކާ މެދު ސުވާލު އުފެއްދިއޭ. ހުކުމްތައް ނެރެފައިވާ ގޮތާ މެދުވެސް ސުވާލު އުފެއްދިއޭ އަދި އުއްތަމަ ފަނޑިޔާރު ނެތި ހުކުމް ނުކުރެވޭނެ ކަމަށްވެސް އަލީ ހުސައިން ވާހަކަ ދެއްކިއޭ،" އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ބުނި ކަމަށާއި އެކަމަށް އެއްބަސްވެ މިއަދު ސުޕްރީމް ކޯޓަށް ބަޔާން ދީފައިވާނެ ކަމަށެވެ. އަދި އެގޮތަށް އެވާހަކަ ދެއްކީ އެއީގަބޫލުކުރާ ގޮތަށް ވާތީ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.