13 Mar 2018, 11:44
ލަންޑަން(މާޗް 13): ރަޝިއާގެ ކުރީގެ ޖާސޫސު، ސާގީ ސްކްރިޕަލް އާއި އޭނާގެ ދަރިފުޅު ޔޫލިއާއަށް ހަމަލާ ދިނީ ރަޝިއާއިން ކަމަށް ބެލެވޭ ކަމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ސެލިސްބަރީގައި 66 އަހަރުގެ ސްކްރިޕަލް އާއި 33 އަހަރުގެ ޔޫލިއާ ހޭނެތިފައި އޮއްވާ ފެނުނީ މިމަހުގެ ހަތަރެއްގައެވެ. އެހާދިސާއަށް ފަހު އެ ދެމީހުންގެ އިތުރުން، އެމީހުންނަށް ފުރަތަމަ ފަރުވާ ދިން ފުލުސް މީހާގެ ހާލު ވެސް ސީރިއަސް ކަަމަށް ރިޕޯޓުތަކުގައިވެ އެވެ.
އިއްޔެ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން މޭ ވިދާޅުވި ގޮތުގައި ސްކްރިޕަލްއަށް ހަމަލާ ދީފައި ވަނީ ރަޝިއާއިން އުފައްދާ މިލިޓަރީ-ގްރޭޑް ނާވް އޭޖެންޓުގެ ބާވަތެއް ކަމަށްވާ ނޯވިޗޮކް ބޭނުންކޮށްގެން ކަމަށެވެ.
އަދި އެހަމަލާގައި ރަޝިއާގެ ކެމިކަލެއް ބޭނުންކޮށްފައިވާ ސަބަބާ ބެހޭ ގޮތުން އެގައުމުން އިނގިރޭސިވިލާތަށް މިއަދު ޖަވާބުދާރީ ނުވެއްޖެ ނަމަ، އިނގިރޭސިވިލާތުން ނިންމާނީ އެއީ ރަޝިއާއިން ގަވާއިދާ ހިލާފަށް ބާރުގެ ބޭނުން ކުރުން ކަމުގައި ކަމަށް މޭ ވިދާޅުވި އެވެ.
"އެއް ގޮތަކީ އެއީ ސީދާ ރަޝިއާއިން މިގައުމާ ދެކޮޅަށް އެޅި ފިޔަވަޅަކަށް ވުން ނުވަތަ ރަޝިއާގެ ނުރައްކާތެރި ނާވް އޭޖެންޓެއް އެހެން ބަޔެއްގެ އަތް މައްޗަށް ދިޔުމަށް އެގައުމުން ފުރުސަތު ދިނުން،" މޭ ވިދާޅުވި އެވެ.
އިނގިރޭސި ފޮރިން މިނިސްޓްރީން މިހާރު ވަނީ ރަޝިއާގެ ނޯވިޗޮކް ޕްރޮގްރާމާ ބެހޭ ގޮތުން އޯގަނައިޒޭޝަން ފޯ ދި ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސްއަށް މައުލޫމާތު ދިނުމަށް ރަޝިއާއަށް 24 ގަޑި އިރުގެ މުހުލަތެއް ދީފައެވެ.
އަދި ރަޝިއާއިން މައުލޫމާތު ނުދީފި ނަމަ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން އޮތީ ހަރުކަށި ފިޔަވަޅު އަޅަން ތައްޔާރަށް ކަމަށް މޭ ވިދާޅުވި އެވެ.
ރަޝިއާގެ ޖާސޫސީ އިދާރާގައި މަސައްކަތް ކުރަމުން އިނގިރޭސިވިލާތަށް މައުލޫމާތު ދިނުމުގެ ކުށުގައި 2006 ވަނަ އަހަރު ރަޝިއާއިން ވަނީ ސްކްރިޕަލް 13 އަހަރަށް ޖަލަށް ލައިފައެވެ. ނަމަވެސް 2010 ވަނަ އަހަރު އިނގިރޭސިވިލާތާ އެކު ހެދި އެއްބަސްވުމުގެ ދަށުން ރަޝިއާއިން ވަނީ ސްކްރިޕަލް ދޫކޮށްލައިފައެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން ދިޔައީ އިނގިރޭސިވިލާތުގައެވެ. (ބީބީސީ)