13 Mar 2018, 11:42
ށ. ފުނަދޫގައި އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުން ހަފްތާއެއްގެ ތެރޭގައި ނިންމާނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.
ސަރުކާރުގެ ހަރަދުގައި ހަދާ ފުނަދޫ އެއާޕޯޓް އެޅުމަށް އެރަށުގެ އުތުރުގެ ހުޅަނގު ފަރާތު މޫދުން މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
އެގޮތުން އެމްޓީސީސީން މުޅިން އަލަށް ގެނައި ކޮންނަބޯޓު މަހާޖައްރާފު ބޭނުން ކޮށްގެން 21 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީ ޑްރެޖިން އެންޑް ސްޕެޝަލް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު މިއަދު 'ސަން' އަށް ވިދާޅުވީ، ފުނަދޫ އެއާޕޯޓް އަޅާ ބިން ހިއްކުމަށް ކުރިން ރާވައިފައި އޮތް ގޮތަށް ކުދިކުދި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އަދި އެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، ފުނަދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށްފަހު މަހާޖައްރާފު ދެން ދާނީ ފުނަދޫ ކައިރީގައި ތަރައްގީ ކުރާ ރިސޯޓެއްގެ ބިން ހިއްކުމުގެ މަސައްކަތަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް ވިދާޅެއް ނުވެއެވެ.
ފުނަދޫ އެއާޕޯޓް އަޅާ ބިން ހަފްތާއެއްގެ ތެރޭގައި ނިންމަން އެމްޓީސީސީން ކަނޑައަޅާފައިވާއިރު، އެ އެއާޕޯޓުގެ ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
މަސައްކަތް ފަށާތައި ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 49 މިލިއަން ރުފިޔާއަށެވެ.
އަދި ރަންވޭ އެޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް ފުނަދުއަށް ގެންގޮސް ދެ ހަފްތާ ތެރޭގައި މަސައްކަތް ފަށާނެ ކަމަށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީން ވަނީ ބުނެފައެވެ.