އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަމާއި އަލަށް ހަވާލުވި ކޯޗް ޖާޖަން ކްލިންސްމަން އަކީ ކުޅުންތެރިން އަމިއްލައަށް ޓީމު ރޭވުމަށް ދޫކޮށްލާ ކޯޗެއްގެ ގޮތުގައި ފާހަގަކޮށް ބެޔާން މިއުނިކުގެ ޑިފެންޑަރު ފިލިޕް ލާމް އޭނާގެ ކުރީގެ ކޯޗަށް ފާޑުކިޔައިފި އެވެ.

ޖަރުމަނު ގައުމީ ޓީމުގެ ކޯޗުކަން އަދާކޮށް 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ސެމީ ފައިނަލާއި ހަމައަށް ޓީމު ގެންގޮސްދިނުމަށްފަހު ބެޔާން މިއުނިކާ ހަވާލުވި ކޯޗު ކްލިންސްމަނަށް ޖަރުމަން ބުންޑަސްލީގާގައި މާއެދެވޭ ކާމިޔާބީ އެއް ހޯދައިދީފަ އެއް ނުވެ އެވެ. ފުރަތަމަ ފަސް މެޗުން ބެޔާން މިއުނިކަށް ކާމިޔާބީ އެއް ހޯދައިނުދެވުމުގެ ސަބަބުން ބެޔާން މިއުނިކުގެ ކޯޗުކަމުން ކްލިންސްމަން ވަނީ ވަކިކޮށްފަ އެވެ.

"ކްލިންސްމަން އާ އެއްކޮށް އަހަރެމެން ކުރި ދަތުރުވީ ބޮޑު ފްލޮޕަކަށް. ފަރިތަކުރުން ތަކުގެ ވެސް އޭނާ ބޮޑު އިސްކަމެއް ދިނީ ފިޓްނަސްއަށް. ޓީމު ރޭވުމުގެ ކަންތައްތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ. ކުޅުންތެރިން އަމިއްލައަށް މަޝްވަރާކޮށްގެން ޓީމު ރާވަން ޖެހެނީ. އަށް ހަފުތާތެރޭ އޭނާގެ ކޯޗުކަމުގެ ދަށުން ކާމިޔާބެއް ނުލިބޭނެކަން ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އެނގުނު،" ފިލިޕް ލާމް ބުންޏެވެ.

އެމެރިކާ ގައުމީ ޓީމަށް ރަނގަޅު ކާމިޔާބީ އެއް ހޯދައިނުދެވުމުގެ ސަބަބުން ކުރީގެ ކޯޗް ބޮބް ބްރޭޑްލީ މަގާމުން ދުރުކޮށް އައްޔަންކުރި ކްލިންސްމަން އާއެކު އެމެރިކާ ގައުމީ ޓީމު މެކްސިކޯ އާއި ދެކޮޅަށް ކުޅުނު މެޗް ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.

ކޯޗެއްގެ ގޮތުގައި ކުލިންސްމަނަކީ ކާމިޔާބީ ކޯޗަކަށް ނުވިނަމަވެސް ކުޅުންތެރިއެއްގެ ގޮތުގައި އޭނާއަކީ ކާމިޔާބީ ފޯވާޑަކަށް ވެފައިވެ އެވެ. ސްޓުގާޓް، އިންޓަމިލާން، ޓޮޓެންހަމް އަދި ބެޔާން މިއުނިކަށް ކުޅުނު ކުލިންސްމަން ވަނީ އޭނާގެ ހަޔާތުގައި 516 މެޗް ކުޅެ 232 ގޯލު ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން ޖަރުމަން ގައުމީ ޓީމަށް 108 މެޗު ކުޅެ 47 ލަނޑު ކާމިޔާބުކޮށްދީފައިވެ އެވެ.