ދުރާލާ ރާވައިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ސީޕީ އަދި މަޖިލީހުގެ ކިނބިދީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާ ފުލުހުން ސުވާލު ކޮށްފި އެވެ.

ފުލުހުން ރިޔާޒު ހައްޔަރު ކޮށްފައި ވަނީ މިމަހުގެ ދެވަނަ ދުވަހު މަޖީދީމަގުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގެ ތެރެއިންނެވެ. ރިޔާޒު ހައްޔަރުކޮށްފައި ވަނީ ކުއްލި ހާލަތުގެ ދަށުންނެވެ.

ރިޔާޒުގެ މައްޗަށް ކުރާ ތުހުމަތުތަށް ރޭ ފުރަތަމަ ފަހަރަށް ފުލުހުން ވަނީ އޭނާ އަށް އަންގައި ތަހުގީގުގައި ސުވާލު ކޮށްފަ އެވެ. ރިޔާޒުގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ރިޔާޒުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ކުއްލި ހާލަތު އިއުލާނުކޮށްފައި ވަނިކޮށް މިމަހުގެ ދެވަނަ ދުވަހު މާލެ ތެރޭގައި ހަމަ ނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތު ކަމަށެވެ.

އޭގެ އިތުރުން މަގުތަކަށް މީހުން އެއްކޮށް ދުރާލާ ރާވައިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ވެސް ފުލުހުން ރިޔާޒުގެ މައްޗަށް ކުރާ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފުލުހުން ސުވާލު ކުރުމުން އެކަމަށް ރިޔާޒު އިންކާރު ކޮށްފައިވާ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ. އެގޮތުން މި މަހުގެ ދެވަނަ ދުވަހު ބައިވެރިވީ ސުލްހަވެރި އެއްވުމެއްގައި ކަމަށް ރިޔާޒު ތަހުގީގުގައި ވިދާޅުވި ކަމަށް ވަކީލު ވިދާޅުވި އެވެ.

"އެއީ ރައީސް ޔާމީންގެ ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ބޭއްވި އެއްވުމެއް ކަމަށާއި އެ އެއްވުމުގައި ބައިވެރިވުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށާއި ކުއްލި ހާލަތު އިއުލާނުކޮށްފައި އޮތަސް 10:30 ހާ ހަމައަށް މުޒާހަރާ ކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ރިޔާޒު ވިދާޅުވި،" ރިޔާޒުގެ ވަކީލު ނޫރުއްސަލާމް ވިދާޅުވި އެވެ.

ރިޔާޒުގެ އިތުރުން ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ގިނަ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ގަނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނާ ހިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވެސް ހިމެނިވަޑައިގަންނަވަ އެވެ.