ޑައިރެކްޓަރު ލަވް ރަންޖަންގެ އެންމެ ފަހުގެ ފިލްމު "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އިން ބޮލީވުޑް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ހޯދައި މިއަހަރުގެ މިހާތަނަށް ރިލީޒް ކުރި ދެވަނައަށް އެންމެ ކާމިޔާބު ފިލްމުގެ މަގާމު ހޯދައިފި އެވެ.

ކާތިކް އާރްޔަން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒް ކުރީ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. އެ ފިލްމަށް މިހާތަނަށް 89.76 ކުރޯރުގެ އާމްދަނީއެއް ލިބިފައެވެ.

އެއާއެކު އެ ފިލްމު މިވަނީ އަކްޝޭ ކުމާރުގެ ހިޓް ފިލްމު "ޕެޑްމޭން" ފަހަތަށް ޖައްސާލައިފައެވެ. ޕެޑްމޭނަށް ލިބިފައި ވަނީ 78.95 ކުރޯރެވެ.

މިހާރު "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" ވެގެން ގޮސްފައި ވަނީ މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން، ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.

މި އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު ފިލްމަކީ ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" އެވެ. ދީޕިކާ ޕަދުކޯން، ރަންވީރް ސިންގ އަދި ޝާހިދު ކަޕޫރުގެ އެ ފިލްމަށް ވަނީ މިހާތަނަށް 286.24 ކުރޯރު ލިބިފައެވެ.

"ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އުޅެނީ އެންމެ ފަހުން ރިލީޒް ކުރި ސޮނާކްޝީ ސިންހާގެ "ވެލްކަމް ޓު ނިއު ޔޯކް" އަދި އަނުޝްކާ ޝަރްމާގެ "ޕަރީ" އަށްވުރެ މާ ބޮޑަށް ވެސް ކުރީގައެވެ.

އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ފިލްމަށް 100 ކުރޯރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެ އެވެ.