24 Aug 2011, 14:45
ފުވައްމުލަކު ދަޑިމަގު ތުނޑިއަށް އަރާއޮތް ވެލައެއް ފަޅާލަން އުޅުނު 25 މީހަކު ޏ. ފުވައްމުލަކު ކައުންސިލް އިދާރާއަށް ހާޒިރުކޮށް އިންޒާރު ދީފި އެވެ.
ފުވައްމުލަކު ދަޑިމަގު ރަށު ކައުންސިލްގެ ރައީސް އަހުމަދު ނަޖާހް އިބްރާހިމް މިއަދު ވިދާޅުވީ ދަޑިމަގު ތުނޑީ ސަރަހައްދަށް ރޭ އިރާކޮޅު އެރި ވެލާ ސަލާމަތް ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ ރަށުގެ 25 މީހަކު ވެގެން ވެލާ ފަޅާލަން އުޅުނެނިކޮށް އެކަން ކައުންސިލް އިދާރާ އަށް ރިޕޯޓު ކުރީ އެ ސަރަހައްދުގައި އެވަގުތު އުޅުނު ދަނޑުވެރިންތަކެއް ކަމަށް ވެސް ނަޖާހް ވިދާޅުވި އެވެ.
"އަޅުގަނޑު އެސަރަހައްދަށް ދިޔައިރު ވެލާ އޮތީ ފަޅާލަން ތައްޔާރުކޮށްފައި، އަދި އެމީހުންގެ އަތުގައި ވެލާ ފެޅުމަށް ބޭނުންވާ ވަޅި އާއި ބާލިދީ ފަދަ ސާމާނު ހުރި. އެމީހުން އުޅުނީ ވެލާ ފަޅާލައިގެން އޭގެ މަހާއި ބިސްނަގަން. ވެލާ ފަޅާލަން މަސައްކަތް ކުރި 25 މީހުން ވެސް އިދާރާ އަށް ހާޒިރުކޮށް ނަސޭހަތްދީފަ ދޫކޮށްލީ. ދެން އެފަދަ ކަމެއް އެމީހުންގެ ފަރާތުން ފެނިއްޖެ ނަމަ ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަން އެމީހުންނަށް އަންގާފައި އޮންނާނީ." ނަޖާހް ވިދާޅުވި އެވެ.
ދިގުމިނުގައި ހަތަރު ފޫޓް އަދި ފުޅާމިނުގައި 2.5 ފޫޓް ހުންނާނެ ކަމަށް ލަފާކުރެވޭ، އެ ވެލާގެ ބަރުދަނުގައި 250 ކިލޯ ހުންނާނެ ކަމަށް ލަފާކުރައްވާ ކަމަށް ވެސް ނަޖާހު ވިދާޅުވި އެވެ.
ސަން އަށް މަޢުލޫމާތު ދެމުން ނަޖާހު ވިދާޅުވީ ތުނޑީ ސަރަހައްދުން މީގެ ކުރިން ވެސް ވެލާގެ ކަށި ވަރަށް ގިނައިން ފެންނަ ކަމަށާއި، ނަމަވެސް ވެލައެއް ފަޅާލަން ތައްޔާރުވަނިކޮށްފައިވަނިކޮށް ބަޔަކު އަތުލައިގަތް މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
ފުވައްމުލަކު ތުނޑީ ސަރަހައްދަކީ މީގެ ކުރިން ވެސް ވަރަށް ގިނައިން ވެލާއަރާ ސަރަހައްދެއް ނަމަވެސް ފަހަކަށް އައިސް އެ ސަރަހައްދަށް ވެލާ އަރާލެއް މަދުކަން ކައުންސިލް އިދާރާއިން ފާހަގަ ކުރެ އެވެ.
ވެލާ ކަހަނބު ހިފުން 1997 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ.