ޝުޖިތު ސިރްކާ ޑައިރެކްޓްކޮށް ވަރުން ދަވަން ލީޑް ރޯލް ކުޅޭ ފިލްމު "އޮކްޓޯބަރު"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

އަންނަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ އަންހެން ލީޑް ތަރިއެއްގެ ގޮތުން ފެނިގެންދާނީ ޕަންޖާބުގެ އާއިލާއަކަށް ނިސްބަތްވާ ބެނީތާ ސަންދޫ އެވެ.

ފިލްމުގެ ފިރިހެން ލީޑް އިން ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަން ފެނިގެންދާނެ އެވެ.

ހޮޓަލެއްގެ ވެއިޓަރުކަމުން ފެނިގެންދާ ވަރުން އަށް އެ ހޮޓެލްގައި މަސައްކަތްކުރާ ބަނީތާ އާ ދިމާވެ އެވެ. އެހެން އުޅުމުގެ ތެރޭގައި ބަނީތާ ކުއްލިއަކަށް ވަޒީފާ އިން ވަކިވުމުން ވަރުން އޭނާ ހޯދުމަށް ކުރާ މަސައްކަތާއި އޭނާ ބެލެހެއްޓުމުގެ ޒިންމާ ވަރުން ނަގާތަން ޓްރެއިލާ އިން ފެނިގެން ދިޔަ އެވެ.

ފިލްމުގެ ޑައިރެކްޓަރު ސުޖިތް ބުނީ އެ ފިލްމަކީ އެހެން ފިލްމުތަކާ ހިލާފަށް ތަފާތު ވާހަކަ އެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެއް ކަމަށެވެ.

ފިލްމާ ގުޅޭ ގޮތުން ވަރުން ބުނީ އޭނާ އަކީ އަބަދު ވެސް ތަފާތު ރޯލުތައް ކުޅުމަށް އިސްކަންދޭ އަދި ޝައުގުވެރިވާ މީހެއް ކަމަށާއި "އޮކްޓޯބަރު"ގެ މަސައްކަތަކީ ޑްރީމް ޕްރޮޖެކްޓެއް ކަމަށެވެ.

އޮކްޓޯބަރު އަކީ ބެނީތާ ބޮލީވުޑަށް ތައާރަފްވާ ފުރަތަމަ ފިލްމެވެ. ނަމަވެސް އޭނާ އަކީ އުމުރުން 11 އަހަރުން ފެށިގެން ވެސް އެކްޓް ކުރާ ކުއްޖެކެވެ.