ލީގުގައި ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކު ކްލަބު އީގަލްސް އޮތީ މާލޭ ލީގުގެ އެއްވަނައިގައެވެ. އެ ނަތީޖާތަކުގައި އެންމެ މުހިންމު ރޯލެއް އަދާކުރި އެއް ކުޅުންތެރިއަކީ އީގަލްސްގެ ބްރެޒިލް ފޯވަޑް ލުއިޒް އެޑުއާޑޯއެވެ. ކުޅުނު ތިން މެޗުން ފަސް ގޯލް ޖަހައި، ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުގައި ލުއިޒް އޮތީ ރަނގަޅު ގޯލް ރޭޝިއޯއަކާ އެކީގައެވެ.

ރާއްޖޭގައި ލުއިޒް ކުރަމުންދަނީ އޭޝިއާ ފުޓުބޯޅައިގެ ފުރަތަމަ ތަޖުރިބާއެއް ނޫނެވެ. އޭނާ ވަނީ މީގެ ކުރިން ތައިލެންޑް، ޖޯޑަންގެ އިތުރުން މެލޭޝިއާގައިވެސް ކުޅެފައެވެ.

އެސްޓީއޯ މާލޭ ލީގުގައި އީގަލްސްއާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

'ސަން ސްޕޯޓްސް'އަށް ވާހަކަދައްކަމުން ލުއިޒް ބުނީ އޭނާއަށް މީގެ ކުރިން އޭޝިއާގައި ލިބުނު ތަޖުރިބާއަކީ މިހާރު ރާއްޖޭގައި ކުޅެމުންދާ ފޯމުގެ އެއް ސިއްރު ކަމަށެވެ.

"އަހަރެން ކުރިންވެސް އޭޝިއާގައި ކުޅެފައި މިހުރީ. މެލޭޝިއާ، ތައިލޭންޑް، ޖޯޑަން ފަދަ ލީގުތަކުގައި ކުޅުނިން. އޭޝިއާގައި ރަނގަޅު ތަޖުރިބާއެއް އެބަހުރި. ފުޓުބޯޅައިގެ ލެވެލް ތަފާތަސް، ރާއްޖޭގެ ފުޓުބޯޅަ މާހައުލު ވަރަށް ޕޮޒިޓިވް. ހާއްސަކޮށް ބޮޑެތި ކުންފުނިތަކުން އިސްނަގައިގެން މިހާރަށްވުރެ ބޮޑަށް ފުޓުބޯޅަ ކުރިއަރުވަން އުޅެފިނަމަ އެ ލެވެލަށް ދެވޭނެ،" ލުއިޒް ބުންޏެވެ.

ލުއިޒް ބުނީ އީގަލްސްގައި އޭނާ ދައްކަމުންދާ ކުޅުމަށް އެންމެ ބޮޑު ހިތްވަރެއް ދެނީ ކޯޗުން ކަމަށާއި، ހާއްސަކޮށް ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އޭނާއަށް ދަނޑުމަތީގައި ދޭ މިނިވަންކަން ލުއިޒް ފާހަގަކުރިއެވެ.

"ފުރަތަމަވެސް ކޯޗުންނާއި ހުރިހާ ސްޓާފުންނަށް ޝުކުރު އަދާކުރަން ބޭނުންވަނީ. ބޭނުންވާ ގޮތަށް ކުޅެން އެމީހުން އަހަންނަށް ފުރުސަތުދޭ. ވަރަށް ފްރީކޮށް ކުޅެނީ އަހަރެން. އަހަންނަކަށް ނޭނގެ އަހަރެންގެ ކުޅުމެއް އެހެން ބުނާކަށް. އެކަމަކު އިދިކޮޅު ޓީމުގެ ކުޅުންތެރިންނަށް އެނގިފައި ކަންނޭނގެ އޮންނާނީ. އަހަންނަކީ ވަރަށް ބޮޑަށް ފަޅިފަޅިއަށް ދުވެގެން ކުޅޭ ކުޅުންތެރިއެއް،" ލުއިޒް ފާހަގަކުރިއެވެ.

މާލޭ ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކް ކާމިޔާބުކުރި ލުއިޒް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންމެފަހުން ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް އީގަލްސް ނުކުތް މެޗުން އެ ޓީމު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މާލޭ ލީގުގެ ދެވަނަ ހަފްތާގައި ކްލަބު ވެލެންސިއާއާ ދެކޮޅަށް އީގަލްސް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލުއިޒް ވަނީ އެ މެޗުގައި ހެޓްރިކް ހަދައިފައެވެ.

"ޓީމުގެ ކުޅުން މިދަނީ ރަނގަޅުވަމުން. މިއަދުގެ މެޗުގައިވެސް ޑިފެންސު ވަރަށް ބޮޑުތަން ބަދަލުކޮށްލެވިއްޖެ. ޑިފެންސް ރަނގަޅަށް ކުރެވޭނެ ނަމަ އެޓޭކްކޮށް، ގޯލް ޖަހައިގެން މޮޅުވުމަށް މުޅި ޓީމަށް ހިތްވަރު ލިބޭނެ،" އީގަލްސް އެންމެފަހުން ކުޅުނު މެޗާ ގުޅިގެން ލުއިޒް ބުންޏެވެ.