24 Aug 2011, 14:35
ކެމަރޫންގެ ފޯވާޑް ސަމުއެލް އެޓޫ ރަޝިޔާގެ އަންޒީ މަކަޝްކަލާ އަށް ވިއްކާލުމަށް އިންޓަމިލާނުން އެއްބަސްވުމާއެކު މިއަދު މެޑިކަލު ޓެސްޓު ހަދާނެ ކަމަށް އެ ކުލަބުން ހާމަކޮށްފި އެވެ.
އެޓޫ އަންޒީ އާއެކު ސޮއިކުރާނީ ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ.
"އަންޒީއަށް އެޓޫ ގެނައުމަށް އިންޓަމިލާނާއެކު ވަނީ އެއްބަސްވެވިފައި. ދެ ކުލަބުގެ ދެމެދުގައި ހިނގި އެއްބަސްވުމަށް އަންޒީ އާއި އިންޓަމިލާނުން ވެސް ހިތްހަމަޖެހޭ. ތިންއަހަރު ދަވަހުގެ ކޮންޓްރެކްޓުގައި ސޮއިކުރުމުގެ ކުރިން މިއަދު އެޓޫ މެޑިކަލްގައި ބައިވެރިވާނެ," އަންޒީން ނެރުނު ބަޔާނެއްގައި ވެއެވެ.
ކުރިން ބާސެލޯނާއަށް ވެސް ކުޅެފައިވާ ފޯވާޑް އެޓޫ ވެގެންދާނީ އަންޒީއަށް މިސީޒަންގައި ގެނައި ތިންވަނަ ކުޅުންތެރިޔާ އަށެވެ. އަންޒީން ވަނީ ޗެލްސީއަށް ކުޅެމުންއައި ރަޝިޔާ މިޑްފީލްޑަރު ޔޫރީ ޒިރްކޯވް އާއި ޕީއެސްވީ އެއިންދޯވެންގެ މިޑްފީލްޑަރު ވެސް ގެނެސްފަ އެވެ.
ކުރީގެ ރެއާލް މެޑްރިޑް ތަރި ރޮބާޓޯ ކާލޯސްގެ ސޮއި ވެސް އަންޒީން ވަނީ މިދިޔަ ފެބްރުއަރީ މަހު ހޯދާފަ އެވެ.
އިންޓަމިލާންއަށް މިދިޔަ ސީޒަންގައި 37 ލަނޑު ކާމިޔާބުކޮށްދިން އެޓޫއަށް އަންޒީން ކިޔާފައިވަނީ 35 މިލިޔަން ޕައުންޑެވެ.
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާކަން ހަތަރު އަހަރު ހޯދާފައިވާ އެޓޫ ސްޕެއިންގެ މަލޯކާއިން ވިދާލުމަށްފަހު ބާސެލޯނާއަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކާފައި ވެއެވެ. ބާސެލޯނާއިން އިންޓަމިލާނަށް އެޓޫ ގެންދިޔައީ ބަދަލެއްގެ ގޮތުގައި ބާސާއަށް ޒްލަޓަން އިބްރަހިމޮޗިޗް ދީފަ އެވެ.