މިދިޔަ އަހަރުގެ ޖުލައިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ހިނގާދިޔަ ކަންކަމަށް އަމަލު ކުރެވޭ ގޮތައް އެންޓި ޑިފެކްޝަން ބިލަށް އިސްލާހް ގެނެސް ކޮމިޓީން ބިލް ފާސްކޮށްފިއެވެ.

މިރޭ 8:45 ހާއިރު ކުރިއަށް ދިޔަ އެ ކޮމިޓީގެ ބައްދަލުވުގައި އެކަން ފާސްވީ ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

މިކަމާއި ގުޅޭ ގޮތުން މިރޭ ކުރިއަށް ދިޔަ ކޮމިޓީގައި ހިނގައި ދިޔަ ކަންތަައްތަކުގެ އިތުރު ތަފްސީލްވަނީ ލިބޭގޮތް ނުވެފައެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވަނީ އެފަދަ އިސްލާހެއް ގެނެސް ބިލް ކޮމިޓީން ފާސްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ރޮޒައިނާ އަކީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު މަޖިލީހަށް ހުށަހެޅުއްވި އެންޓި ޑިފެކްޝަން ބިލު މަޖިލީހަށް ބަލައިގަތުމަށް ލީ ވޯޓުގައި ބައިވެރިވެވަޑައިގަތީ 35 މެމްބަރުންނެވެ. އެ ވޯޓުވެސް 35 މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ މަޖިލީހަށް މިއަދު ބަލައިގެންފައެވެ.