ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ބިލް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިރޭ ފާސްކޮށްފިއެވެ.

މިރޭ ބޭއްވި އެކޮމިޓީގެ ބައްދަލުވުމެއްގައި އެ އިސްލާހު ފާސްކޮށްފައިވަނީ ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އިބާރާތްތަކަށް ގެނައި އިސްލާހުތައް ފިޔަވައި އިތުރު ބަދަލުތަކެއް ގެނެސްފައި ނުވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ޝަރުއީ ކޯޓަކުން ކަނޑައަޅާ ހިސާބުން ފަނޑިޔާރުގެ މަގާމު ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ކޮމެޓީއަށް ފޮނުވީ މިއަދުއެވެ.

އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ މިއަދު ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި 36 މެމްބަރުންގެ އިއްތިފާގުންނެވެ.