ލަވަކިޔުންތެރިޔާ އަދިއްތުޔަ ނާރާޔަންގެ މާސިޑީޒް އިން ކުރޮޅިއެއްގައި ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފި އެވެ.

ހޯމަ ދުވަހު މުމްބާއީގައި ހިނގި އެކްސިޑެންޓުގައި ކުރޮޅި ދުއްވަން އިން ޑުރައިވަރަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެގޮތުން އޭނާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެ ހާދިސާގައި ކުރޮޅީގެ ފަހަތުގައި އިން އަންހެނަކަށް ވެސް އެކިވަރުގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދިއްތުޔަ އާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ އެ އަންހެން މީހާ އެވެ.

އަދިއްތުޔަ އާ ދެކޮޅަށް މައްސަލަ ފައިލްކޮށް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ތަހުގީގަށް އަދިއްތުޔަގެ މާސިޑީޒް ކާރު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ އަނިޔާވި ދެމީހުން ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ އަދިއްތުޔަ ކަމަށާއި، ހާދިސާ ހިނގި ސަރަހައްދު ދޫކޮށް އަދިއްތުޔަ ގޮސްފައި ނުވާ ކަމަށެވެ.

އަދިއްތުޔަ އަކީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނާރާޔަންގެ ދަރި އެވެ. އޭނާގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "އިޝްކިޔާން ޑިޝްކިޔާން" އަދި "ޓައްޓަޑް ޓައްޓަޑް" ހިމެނެ އެވެ.

އަދިއްތުޔަ ވަނީ 2010 ވަނަ އަހަރު ބޮލީވުޑް ފިލްމަކުން ވެސް ފެނިގެން ގޮސްފަ އެވެ.

އަދިއްތުޔަ އަކީ މިކަހަލަ މައްސަލަތަކާ ގުޅިގެން ދޭތެރެ ދޭތެރެއިން ޚަބަރުތަކުގެ ފަލަ ސުރުޚީ އިން ޖާގަ ހޯދާ ފަންނާނެކެވެ.