ފައިނޭންސް މިނިސްޓްރީގެ ނައިބު އަހުމަދު އަދުހަމް އޮފީސް މަސައްކަތަށް ނުނިކުންނަވައި މުސާރަ ނަންގަވާތާ ފަސް ވަރަކަށް މަސް ދުވަސް ވެފައިވާ ކަމަށް އައްޑޫ ސިޓީ މީހަކު ބުނެފި އެވެ.

ސަން އަށް ވާހަކަ ދެއްކި އައްޑޫ މީހަކު މިއަދު ބުނީ، އެމްޑީޕީ އައްޑޫ ސިޓީގެ ރައީސް ކަން ވެސް ކުރައްވާ އަދްހަމް އޭނާ އަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފެންނަ ކަމަށާއި އޭނާ އަށް ފައިނޭންސް މިނިސްޓްރީގެ ނައިބުކަން ދެއްވި ފަހުން އަދި މަސައްކަތަށް ނުނިކުންނަވާ ކަމަށެވެ.

ނަމަވެސް އަދުހަމް އެކަން ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ އައްޑޫގައި ކަމަށާއި ފައިނޭންސް މިނިސްޓްރީގެ މަސަކަތްށް ގަވައިދުން ނުކުންނަވަމުން ގެންދަވާ ކަމަށެވެ.

ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒު މިއަދު ވިދާޅުވީ، އަދްހަމަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ސިޔާސީ މަގާމެއް އަދާ ކުރައްވާ ބޭފުޅުން ކަމަށާއި އޭނާ މަސައްކަތް ކުރައްވާނީ އައްޑޫގެ ޓްރެޝަރީ އޮފީހުގައި ކަމަށެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ އަދި އެ އޮފީހުގެ މަސައްކަތް ނުނިމޭ ކަމަށެވެ.

އައްޑޫ، ސިޓީއަކަށް ނަން ދިނުމުގެ ކުރިން ސަދަން ޕޮރޮވިންސް އޮފީހުގެ ޑިޕިއުޓީ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި، އަދްހަމް ފައިނޭންސް މިނިސްޓަރުގެ ނައިބަކަން ދެއްވީ އައްޑޫ ސިޓީއަކަށް ބަދަލުވެ ކައުންސިލް އިންތިހާބުވި ހިސާބުން ފެށިގެންނެވެ.

މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 35000ރ. އަށް ވުރެ ގިނައިން ލިބިވަޑައިގަންނަވާ އަދްހަމް ދުއްވުމަށް ސަރުކާރު ސައިކަލެއް ދީފައި ހުންނަ ކަމަށާއި އޭނާ އަށް ސައިކަލް ލިބިން ޖެހޭ ގޮތް ވެސް ނޭނގޭ ކަމަށް އައްޑޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.