12 Mar 2018, 21:02
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ބައެއް މީހުން މާލޭގެ މަގުތަކުގައި ކުރަމުންދާ މުޒާހަރާތަކަށް ދާ ބައެއް މީހުން ކުޑަކުދިން ގޮވައިގެން އެފަދަ އެއްވުންތަކަށް ގޮސްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނެފިއެވެ.
އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާންމުންގެ ފަރާތުން މުޒާހަރާގެ ތެރޭގައި ފާހަގަ ކުރެވުނު ބައެއް ކަންކަމާއި ފުލުހުން މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ތެރޭގައި އަމަލުކޮށްފައިވާ ބައެއް ކަންކަން ހިމެނޭ ގޮތަށް ޖުމުލަ އަށް ނުކުތާއެއް ފާހަގަކޮށްފައެވެ.
އެޗްއާރްސީއެމް އިން ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ބައެއް ފަހަރު ހާލަތާއި ނުބައްދަލު ބާރު ފުލުހުން ބޭނުން ކުރުމާއި ބައެއް ނޫސްވެރިންނަށް އަނިޔާވާ ގޮތަށް އަމަލު ކުރުން ހިމެނޭ ކަމަށެވެ. އަދި ޕެޕާ ސްޕްރޭ ބޭނުން ކުރުމުގައި ބައެއް ފަހަރު އުސޫލާ ހިލާފްވެފައިވުންވެސް ވަނީ ފާހަގަކޮށްފައެވެ.
އާންމުން ފުލުހުންނާއި މުޚާތަބު ކުރުމުގައި ހަޑިހުތުރު އިބާރާތްތައް ބޭނުންކޮށްފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި 12:00 ފަހުންވެސް މަގުތަކުގައި އަޑުގަދަ ކުރުމާއި އަންމުންނަށް އުނދަގޫވާނެހެން މުޒާހަރާ އިންތިޒާމް ކުރާ ފަރާތްތަކުގެ އަމަލުތައް ބަހައްޓާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެޗްއާރްސީއެމް އިން ބުނެފައިވަނީ އެ ކަންތައްތަކާ ގުޅޭ ގޮތުން ފުލުހުންނާއި ދެ ފަހަރެއްގެ މަތިން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އެ ބަޔާނުގައި ބުނެފައިވަނީ މުޒާހަރާތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ބައެއް މީހުންނަށް އަނިޔާކުރިކަމަށް ބުނާ ހަ މައްސަލައެއް ބަލަމުންދާ ކަމަށެވެ. އެގެތެރެއިން ތިން މައްސަލައަކީ އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް ބަލާ މައްސަލަތައް ކަމަށްވެސް ވަނީ ބުނެފައެވެ.