12 Mar 2018, 18:15
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިޝް މައުމޫން ރިޝްވަތު ދެއްވާފައި ނުވާކަމަށް ދައުލަތުން ހުށައެޅި ހެކިވެރިޔާ ބުނެފިއެވެ.
މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި ސިއްރުން ހެކިބަސްދީފައިވަނީ މަޖިލީހުގެ މެމްބަރެކެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ސިއްރުން ހެކިބަސް ދެމުން އޭނާ ބުނެފައިވަނީ ﷲ ގަންދެއްވާ ހުވާކޮށް ފާރިޝް ރިޝްވަތު ދެއްވި ކަމަށް ބުނަން ނުކެރޭނެ ކަމަށެވެ.
ހެކިވެރިޔާ ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރުމަށް އޭނާއަށް އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރުގައި ސޮއިކުރުމުން ބަދަލުގައި އެއްވެސް އެއްޗެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ ގަރާރުގައި ސޮއިކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގުޅުއްވައި އެކަމަށް އެދިވަޑައިގަތުމުން ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.
އެ މައްސަލާގައި ސޮއިކުރެއްވީ ރައީސް މައުމޫނަކީ އިހްތިރާމް ކުރައްވާ ބޭފުޅަކަށްވާތީ ކަމަށާއި އެއީ މާލީގޮތުން އެއްވެސް އެއްޗެއް ހޯދުމަށް ކުރި ކަމެއް ނޫން ކަމަށް ހެކިވެރިޔާ ބުންޏެވެ.
އެ މައްސަލައިގެ ސީރިއަސްކަން އެނގުމުން ފަހުން އޭނާގެ ނަން އުނިކޮށްދިނުމަށް އެދިފައިވާނެ ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.
ފާރިސްގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ފައިސަލް ވިދާޅުވީ އެ މުޅި މައްސަލަ ބިނާވެފައި ވަނީ އެ ހެކިވެރިޔާގެ ބަހުގެ މައްޗަށް ކަމަށެވެ. އެހެންކަމުން އެ މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއްކަން މިއަދު ހާމަވެފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ.
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
ފާރިސް މަޖިލިސް މެމްބަރުންނަށް ރިޝްވަތުދިން ކަމަށް ތުހުމަތުކޮށް އިތުރު މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް ވަނީ ޝަޚްސު އޮޅުވާލުމުގެ ދައުވާ އެއްވެސް އުފުލާފައެވެ.