12 Mar 2018, 16:57
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ޓްރިބުވަން އިންޓަނޭޝަަލް އެއާޕޯޓު (ޓީއައިއޭ) އަށް ޖައްސަން ދަނިކޮށް ވެއްޓުނު ބަންގުލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިނުގެ ބޯޓުގައި ދިވެއްސަކު ދަތުރު ކުރިކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އެކަން ހާމަކޮށްފައި ވަނީ އެ މިނިސްޓްރީން ދެންމެ ކުރި ޓުވީޓެއްގަ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދަނީ ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ އަންހެން ދަރިވަރު ޑރ. ރިޒާނާ އަބްދުﷲއަށެވެ.
ޑރ. ރިޒާނާއަކީ އަންހެނުންގެ ބަލިތައް ނުވަތަ ގައިނަކޮލޮޖީގެ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރެކެވެ. އޭނާ ތައުލީމު ހާސިލުކުރަނީ ކަތުމަންޑޫގައި ހުންނަ ބީރު ހޮސްޕިޓަލުގެ ދަށުން ހިންގާ ނޭޝަނަލް އެކެޑެމީ އޮފް މެޑިކަލް ސައިންސެސްގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދަރިވަރަށް ފަރުވާ ދެމުން ދަނީ ކަތުމަންޑޫ މެޑިކަލް ކޮލެޖުގަ އެވެ.
ޑރ. ރިޒާނާ ކައިރީގައި ހުރި ދިވެހި ބޭފުޅަކު "ސަން"އަށް ވިދާޅުވި ގޮތުގައި އެކުއްޖާގެ ހާލަތު ރަނގަޅެވެ.
"ބޭރުފުށުން ކުދި އަނިޔާތަކެއް ވެފައި ހުރީ." އޭނާ ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީ އާއި ކަތުމަންޑޫގައި ހުންނަ ދިވެހި އޮނަރަރީ ކޮންސުލްއިން ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ.
އަނިޔާވި ދަރިވަރަށް އެހީތެރިވުމަށް ކަތުމަތުންޑޫގައި އުޅޭ އެހެން ދިވެހީންނާއި އޮފިޝަލުން ހަރަކާތްތެރިވަމުންދެ އެވެ.
A Maldivian, who was onboard the US-Bangla Airlines that crashed in Kathmandu, is currently being treated at a hospital in Kathmandu for injuries.
MFA and Missions in Dhaka and Islamabad in contact with Maldives Hon. Consul in Kathmandu, monitoring the situation.— MFA Maldives (@MDVForeign)March 12, 2018
ނޭޕާލް ޕޮލިސްއާ ހަވާލާދީ ކަތަމަންޑޫ ޕޯސްޓުން ބުނީ އެ ހާދިސާގައި 40 މީހުން މަރުވެފައިވާ ކަަމަށެވެ.
ހަތްދިހަ އެއް މީހުންނާ އެކު ދަތުރުކުރި އެ ބޯޓުން 31 މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. އަދި އޭގެން ދަތުރުކުރި ނުވަ މީހުން އެކި ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފަ އެވެ.
ބޯޓު ވެެއްޓުނު އިރު އޭގައި ނޭޕާލްގެ 33 މީހުން ތިއްބެވެ. ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ބޯޓުން ޖައްސަން ހުއްދަ ދީފައި ވަނީ ރަންވޭގެ ދެކުނު ފަރާތަށް ނަމަވެސް ބޯޓު ޖައްސަން މަސައްކަތްކޮށްފައި ވަނީ އުތުރު ސަރަހައްދުން ކަމަށެވެ.
ސިވިލް އޭވިއޭޝަންގެ ޑައިރެކްޓަރު ސަންޖީވް ގޯތަމް ވިދާޅުވީ ބޯޓު ވެއްޓެން ދިމާވި ސަބަބު އަދި ނޭނގޭ ކަމަށާއި އަދި އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ ހާދިސާގައި ސަލާމަތްވި ފަސެންޖަރެއް ކަމަށްވާ ބަސަންތާ ބޯހާރާ ބުނީ ބަނގުލަދޭޝުން ފުރިިއިރު ބޯޓުގައި އެއްވެސް މައްސަލައެއް އުޅޭކަމަށް ނޭނގޭ ކަމަށެވެ. ނަަމަވެސް ކަތަމަންޑޫ އެއާޕޯޓަށް ޖައްސަން އުޅެނިކޮށް ބޯޓު ކުއްލިއަކަށް ތެޅެން ފެށިކަމަށް ވެސް އޭނާ ބުންޏެވެ.
އެ ހާދިސާއަށް ފަހު އެ އެއާޕޯޓުގެ ހުރިހާ ފްލައިޓެއް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.